English Edition
Dhivehi Edition
ރާއްޖެ އެތެރެ ކޮށްފައިވާ މަސްތުވާ ތަކެތި

ކުރިއަރ އަދި އެއަރކާރގޯ މެދުވެރިކޮށް ވައިގެ މަގުން ރާއްޖެ އެތެރެކުރަން އުޅުނު 8.84 ކިލޯގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން އަތުލައިގަނެފިއެވެ.

ކަސްޓަސްއިން ބުނީ މީގެ ތެރެއިން ފުރަތަމަ ޝިޕްމަންޓް އަތުލައިގަނެވިފައިވަނީ 27 ސެޕްޓެމްބަރުގައި ކުރިއަރ މެދުވެރިކޮށް ޖަރުމަނުވިލާތުން ރާއްޖެ ގެނެސްފައިވާ ޕެކޭޖެއް ބަލައިފާސްކުރަމުންދިޔައިރު، އޭގެ ތެރެއިން މަސްތުވާތަކެތިކަމަށް ޝައްކު ކުރެވޭ ކުނޑިތަކެއް ފެނުމުން ޗެކްކުރުމުގެ ތެރެއިން ކަމަށެވެ. މިތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ މެފެޑްރޯންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމުން ބުންޏެވެ. މި ތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 2250 ގްރާމް ހުރިކަމަށް އެއިދާރާއިން މައުލޫމާތު ދެއެވެ.

މީގެ އިތުރުން، މި މަހުގެ 5 ވަނަ ދުވަހު އިންޑިޔާއިން ރާއްޖެ އައި އެއާ ކާގޯ ޝިޕްމެންޓެއްގައި މަސްތުވާތަކެތި ފޮރުވާފައި ހުރި ކަމަށް ޝައްކުކުރެވިގެން، އިތުރަށް ބަލާ ފާސްކުރުމުގެ ތެރޭގައި ޝިޕްމަންޓްގެ ތެރޭގައި ހިމެނޭ 5 ދާގީނާއެއްގެ އެތެރޭގައި ހުރި އިލެކްޓްރޯނިކް އާލާތްތަކުގެ ތެރޭގައި މަސްތުވާތަކެތި ހުރި ޕެކެޓްތަކެއް ފޮރުވާފައި ހުރިކަން ކަސްޓަމަށް ފާހަގަކުރެވިގެން އެތަކެތި ވަނީ އިތުރަށް ތަހުލީލުކޮށްފައެވެ. ފުރަތަމަ މަރުހަލާގައި ކަސްޓަމުން މި ތަކެތި ތަހުލީލުކުރިއިރު، މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މިތަކެތީގެ ބަރުދަނުގައި ޕެކިނާއެކު ޖުމްލަ 3040 ގްރާމް ހުރިއިރު މިތަކެތީގެ މަގުމަތީ އަގު 3.8 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ކަސްޓަމްސް އިން ލަފާކުރެއެވެ.