English Edition
Dhivehi Edition

ދުނިޔޭގެ ތަރިކައިގެ ލިސްޓަށް ރާއްޖޭގެ ހިރިގަލު މިސްކިތްތައް، ބަދަލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެދަށުން، ހިރިގާ މިސްކިތްތައް ރައްކާތެރިކަމާއެކު ބަލަހައްޓާނެ ޕްލޭނެއް އެކުލަވާލުމުގެ މަސައްކަތް ޑިޕާޓްމެންޓް ހެރިޓޭޖުން ފަށައިފިއެވެ.

ރާއްޖޭގެ ހިރިގަލު މިސްކިތްތައް މިހާރު ހުރީ ދުނިޔޭގެ ތަރިކައިގެ ވަގުތީ ލިސްޓުގައެވެ. ހެރިޓޭޖް ސެންޓަރުން ވަނީ މި ލިސްޓުން އެމިސްކިތްތައް އުނިކޮށް އަސްލު ލިސްޓަށް ލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން މިއަދު ފެށިޕްލޭން އެކުލަވާލުމުގެ މަސައްކަތު ބައްދަލުވުން އިފްތިތާޙް ކޮށްދެއްވަމުން މިނިސްޓްރީ އޮފް އެޑިއުކޭޝަނުގެ ސްޓޭޓް މިނިސްޓަރ ޑރ. ޢަބްދުﷲ ނަޒީރު ވިދާޅުވީ ޒަމާނަށް އަންނަމުންދާ ބަދަލާއެކު، ތަރިކަ ބެލެހެއްޓުމުގެ އުޞޫލަށް ބަދަލުގެންނަން ޖެހޭކަމަށެވެ.

މީގެ އިތުރުން ބަވަނަވަމުންދާ މިދުނިޔޭގައި، އެއްޤައުމުގެ ޘަޤާފަތުގެ ނުފޫޒު އަނެއް ޤައުމުގެ ޘަޤާފަތަށްކުރުމުގެ ފުރުޞަތު އޮންނާނެކަން ޤަބޫލްކޮށް، އެކަން ބަލައިގަނެ އެކަމަށް ތައްޔާރުވާންޖެހޭކަމަށްވެސް ޑރ. ނަޒީރު ވިދާޅުވިއެވެ.

“ދިވެހި ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ބަލަހައްޓާނެގޮތް ކުރިމަގަށް ރޭވުމުގެ ބައްދަލުވުން” މި ނަމުގައި ކުރިއަށް ގެންދާ މި ބައްދަލުވުން މިއަދުން ފެށިގެން ތިން ދުވަހުގެ މުއްދަތަށް ކުރިއަށްދާނެއެވެ. މިބައްދަލުވުމުގައި މައިގަނޑު ތިންކަމެއްގެ މައްޗަށް މަޝްވަރާ ކުރާނޭކަމަށް ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ބުނެއެވެ.

އެގޮތުން މިސްކިތްތަކުގައި ހުރި ޚާއްސަ ސިފަތަކާއި، ތާރީޚާއި ޘަޤާފަތާއި ގުޅުންހުރި މަޢުލޫމާތުތައް ހިއްސާކުރުމާއި، ޔުނެސްކޯ ވޯރލްޑް ހެރިޓޭޖްގެ ވަގުތީ ލިސްޓުގައި ހިމަނާފައިވާ ރާއްޖޭގެ ހިރިގަލުގެ މިސްކިތްތައް ދާއިމީ ލިސްޓަށް ބަދަލުކުރުމަށްޓަކައި ކުރެވިދާނެ މަސައްކަތްތަކާއި ބެހޭގޮތުން މަޝްވަރާކުރާނޭކަމަށް ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ބުނެއެވެ.

އަދި ހިރިގަލުގެ މިސްކިތްތައް ބެލެހެއްޓުމަށްޓަކައި ޤާނޫނީ ގޮތުން ޢަމަލުކުރަންޖެހޭ ގޮތްތަކާއި، ތަރިކަ ޑޮކިއުމެންޓް ކުރާނެގޮތާއި، އެފަދަ ތަންތަން އާބާތުރަ ފިލުވުމަށް ކުރަމުންދާ މަސައްކަތްތަކާމެދުވެސް މިބައްދަލުވުމުގައި މަޝްވަރާކުރާނޭކަމަށް ޑިޕާޓްމެންޓް އޮފް ހެރިޓޭޖުން ބުނެއެވެ.