English Edition
Dhivehi Edition

ޕީޕީއެމް އޮޔާ ދަނީތޯ ބައެއް މީހުން ސުވާލު އެބަ އުފައްދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަރަދޫ ދާއިރާގެ މެމްބަރު އިބްރާހީމް ޝަރީފް (މަވޯޓާ) ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވީ ޕީޕީއެމްއަށް ފާޑު ވިދާޅުވެ، ކުރެއްވި ޓްވީޓެއްގައެވެ.

އެ ޓްވީޓުގައި ޝަރީފް ވިދާޅުވީ އޭގެ މާނައަކީ އެއްވެސް ސަބަބަކާ ހުރެ އަންނަ ރިޔާސީ އިންތިޚާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރާނެ ރިޔާސީ ކެންޑިޑޭޓަކު ނުދެއްކިއްޖެނަމަ، ޕާޓީ އޮޔާ ދާނެ ވާހަކަ ކަމަށެވެ. އަދި އެއާ ގުޅިގެން ޕާޓީގެ ސައިޒް ދައްކަން ބާއްވާ ޖަލްސާއެއްގެ ބޭނުމެއް ނެތް ކަމަށް ވެސް ވަނީ ވިދާޅުވެފައެވެ.

ސައިޒު ދައްކަން ޖަލްސާއެއް ބޭއްވުމުގެ ބޭނުމެއް ކަމަށް ޝަރީފް ވިދާޅުވެފައި މިވަނީ މި މަހުގެ 28 ވާ ހުކުރު ދުވަހުގެ ރޭ ޕީޕީއެމް އިން “ކޮތަޅު’ ގެ ނަމުގައި ޚާއްސަ ޖަލްސާއެއް ބޭއްވުމަށް ތައްޔާރުވަމުން އަންނާތީ އެކަމަށް އިޝާރާތް ކުރައްވައެވެ.

މި ޖަލްސާ އާ ގުޅިގެން ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާ ވިދާޅުވެފައިވަނީ ތަކެތީގެ އަގު އިންތިހާއަށް ބޮޑުވެ ރައްޔިތުން ނިކަމެތި ހާލެއްގައި ތިބި މިދަނޑިވަޅުގައި ސަރުކާރަށް އިތުރު ފައިސާ ހޯދުމަށް ރައްޔިތުން ގަންނަ ތަކެތި އަޅަން ގެންގުޅޭ ކޮތަޅުން ޓެކްސް ނެގުމަކީ ރައްޔިތުން އިތުރަށް ނިކަމެތި ކުރުން ކަމަށެވެ.

މިކަމާއި ދެކޮޅު ހެދުމުގެ ގޮތުން ”ކޮތަޅު“ ނަމުގައި ޕީޕީއެމްގެ ފަރާތުން ބާއްވާ ޚާއްޞަ ޖަލްސާ 28 އެޕްރީލް 2023 ވާ ހުކުރު ދުވަހުގެރޭ 08:30 ގައި އާރޓިފިޝަލް ބީޗްގައި އޮންނާނެ ކަމަށާއި މިސަރުކާރާ ދެކޮޅު ހުރިހާ ރައްޔިތުންނަށް މި ޖަލްސާއަށް އައުމަށް ޝުޖާ ވަނީ ދައުވަތު ދީފައެވެ.