English Edition
Dhivehi Edition

ދެވަނަ ބާބު

ބީވާ ތަކާއި ބަންޑާރަ ގަނޑުތައް އަދި….

ރަށުގެ ވަށައިގެން ހެދިފައި އޮންނަ ރުއްގަނޑުގެ އެކި ހިސާބު ހިސާބަށް ވަނީ އެކި ބީވާގެ ނަމުން ނަންކިޔާފައެވެ. އެބީވާތަކަކީ

1-ދޫގަހު އެއްގަމު ބީވާ: މި ބީވާ އޮތީ ރަށުގެ ހުޅަނގު މަތީކޮޅު ދަށު، ދޫގަސް ފަންނުން ފެށިގެން ހުޅަނގު އުތުރު ކަންމަތިން އަޅާފައި އުތުރުބިތުން ގޮސް މެދުގަން މިސްކިތް ފަންނާއި ހަމަޔަށެވެ.

2-ދޫގަހު ބޮޑު ބީވާ: މި ބީވާ އޮތީ މެދުގަން މިސްކިތް ފަންނުން ފެށިގެން އުތުރު ބިތުންގޮސް ރަށުގެ އިރުމަތީކޮޅުގެ މެދާއި ހަމައަށެވެ. ރަށުގައި އޮތް އެންމެ ބޮޑު ބީވާއަކީ މިއީއެވެ. މި ބީވާއަކީ ގަމުގެ ހުކުރު މިސްކިތުގެ ވަގުފު ތަނެކެވެ. މި ބީވާ އިން މަހަކު އެޅެނީ އެވްރެޖްގޮތެއްގައި 12000 ކާށްޓެވެ.

3- ބަންޑާރަ ރަށްކޮޅު: ބަންޑާރަ ރަށްކޮޅަކީ ރަށުގެ އިރުމަތީ ކޮޅުގެ މެދުން ފެށިގެން އިރުދެކުނު ކަންމަތިން އަޅާފާ ދެކުނު ބިތަށް ގޮސް މަލިން ކަލޭގެފާނު ފަންނާއި ޖެހެންދެނެވެ. ގަމުގައި އޮތް އެންމެ ބޮޑު ބަންޑާރަގަނޑަކީ މި ރަށްކޮޅެވެ.

ރުއްތަކުގެ މައްޗަށް ހިސާބަކަށް ބަލައިލުމެއް:

އާދެ! ރަށްކޮޅުގެ އާއި ރަށުގެ ގިނަތަންތަނުގައި ހެދިފައި ހުންނަ ރުއްތަކަކީ ވަރަށް ވެސް ޗާލޫ ކަމާއެކު ހެދިފާ ހުންނަ ގަދަ ރުއްތަކެކެވެ. ބައެއް ރުއްތަކުގެ ފަންތައް ބިމުގައި ޖެހޭހައި ތިރެވެ. ކިތަންމެ ރުކެއްގެ ދިގުމިން 15 ފޫޓް، 20 ފޫޓްހައިވެއެވެ. ބައެއް ރުކުގެ ކުރުނބާ، ކާށި، އިހާތައް ފަނުގެ ފަންވަތް ފެޅި ހިސާބަށް ދެވިފައިވެއެވެ.

ރުއްތައް ހެދިފައި ހުންނަ ރީތިކަމާއި އެއްވަރުކަން، ރުއްތަކަށް ލިބިފައި ހުންނަ ނޫފެހިކުލައިގެ ތާޒާކަން އޮޅުމެއްނެތި ދައްކައިދެނީ ފުރިހަމައަށް ކާނާ ލިބެދޭ ބިމެއްގައި ހެދިފައި ހުރި ރުއްތަކެއް ކަމެވެ. ބަނޑާރަކޮޅުން ކާށި އަޅަނީ ދެމަހުން އެއްމަހުގައެވެ. އަޅާ މަހެއްގައި ވިހި، ރިތީސް ހާސް ކާށި އެޅޭކަމަށް ބުނެއެވެ. މި ބަންޑާރަ ރަށްކޮޅަކީ ފުރަމާލޭގެ ހުކުރު މިސްކިިތު ވަގުފު ތަނެކެވެ.

4-މަތިއެންގަނޑު ބޮޑު ބީވާ: މި ބީވާއަށް ފެށުނީ މަލިންކަލޭގެފާނު ފަންނުންނެވެ. ނިމުނީ ކޮށި ފަންނާއި ހަމައަށެވެ.

5-ކަޅުބިތުބީވާ: މި ބީވާ އޮތީ މާ މިސްކިތްފަންނުން ފެށިގެން ދެކުނުބިތުން ގޮސް ރަށުގެ ހުޅަނގުމަތީ ކޮޅުދަށު ދޫގަސް ފަންނާއި ހަމައަށެވެ. މި ކަޅިބިތު ބީވާއަށް ހަސަންބާ ބީވާ އޭ ވެސް ކިޔައެވެ. އެއީ ކޮންމެވެސް ދުވަސްވަރެއްގައި މީދޫ ހަސަންބާއޭ ކިޔުނު ބެއިކަލަކު އެ ބީވާ ބެލެހެއްޓުމަށް ހުރި ހުރުމެއްގެ ފަހުން އެ ހަސަންބާގެ ނަމުން ބީވާއަށް ނަން ކިޔަނީއެވެ.

ރަށުގެ ވަށައިގެން ބީވާތައް ލިޔަމުން އައި ތަރުތީބުގެ މަތިން މިހާރުަނީ ތަންކޮޅެއް ދޫވެފައެވެ. އެއީ ކޮށިފަންނާއި މާ މިސްކިތް ފަންނާއި ދެމެދެވެ. އެތާނގެ ރުއްގަނޑު އެއީ މާމިސްކިތު ހަރީމެވެ. އެރުއްތައް ހުންނަނީ މާ މިސްކިތް ބެލެހެއްޓުން އޮތް ފަރާތަކަށެވެ.

ބަންޑާރަގަނޑުތައް:

  • ދޫގަހު އެއްގަމު ބީވާ
  • ދޫގަހު ބޮޑު ބީވާ
  • ބަންޑާރަ ރަށްކޮޅު
  • މަތިއެންގަނޑު ބޮޑު ބީވާ
  • ކަޅިބިތު ބީވާ
  • ގޮއިގަނޑު
  • ހިތްތަލަ ފަޅާޑު
  • ކާޅު ގުއިރީ ހިންނާ
  • ތައްކަށި މިއެވެ.

ރަށްކޮޅު، ހިތްތަލަ ފަޅާޑު، ހާލު ހިންނަ މިއީ ފުރަބަންޑާރަ ތިން ތަނެވެ.

ފުރަބަންޑާރައޭ ކިޔަނީ ތައް ނުޖަހާ ތަންތަނަށެވެ. ދެން ހުރި ތަންތަނަކީ ގޮއިފާލައްބަ ތަންތަނެވެ. ގޮއިފާލައްބައޭ ކިޔަނީ ތައް ޖަހާފާ ދެބައިކުޅަ އެއްބައި ބަންޑާރައަށް އަނެއްބައި އަމިއްލަ ތަންތަނެވެ. އަމިއްލަ ބަޔަކީ އިންދިބަޔެވެ. އެބައި އޮންނަނީ އެ އެއްޗެހިތައް އިންދި މީހަކަށެވެ.

ބަންޑާރަ ބަޔަކީ ދައުލަތުގެ ބައެވެ. ( ގޮއިގަނޑު) ގޮއިގަނޑު އެއީ ރަށުތެރޭ މީހުން އުޅުނު ހިސާބުގެ އައްސޭރިއާއި އެކު އެއްގަމު ތެރޭ ހުންނަ ބަންޑާރަ ރުއްގަހެވެ. އަދި ގޯތީގައި ހުންނަ އަލަކެޔޮ، މިރުސް މި ބާވަތުގެ ތަކެތިން ބައިނަގައިގެންނެވެ. (ތައްކަށި)

ތައްކަށި އެއީ ތައްޖަހާއިރު ތައްކަށްޓަށް ނަގާ ބައެވެ. އެ ބައި ނެގުން އޮތީ މީހެއްގެ މިލްކުގައި ހުރި ރުއް ނުވަތަ ގަސްތަކުގައި ތައް ޖަހަމުންދާއިރު 12 އެތީގައި އަމިއްލައަށް އަނެއް 12 ގާ ބަންޑާރައަށް ޖަހާފައި25 ވަނައަށް ވާ ރުއް ނުވަތަ ގަސް އެއީ ތައްކަށީގެ ރުކެވެ. ނުވަތަ ގަހެވެ. މީހެއްގެ މިލްކުގައި 25 ނެތްނަމަ އެމީހެއްގެ ތަކެތީން ތައްކަށީގެ ބައެއް ނެތީއެވެ. އެ އެއްޗިއްސަކީ ތައްކަށީގެ ބަޔަކަށް ވާ އެއްޗެއްސަށް ވުމުގެ ސަބަބުން ތައްކަށީގެ ނަމުން އެ ބަންޑާރަގަނޑަށް ނަންކިޔާފައިވަނީ އެވެ. ތައްކަށްޓަކީ ވަރުގަދަ ހަރު ލަކުޑިކޮޅަކުން ރީއްޗަށް މަށާ އޮމާންކޮށް ލާޖަހާ އެއްކޮޅަށް ދަނގަނޑު ފިއްޔެއް އަނެއްކޮޅަށް ދަގަނޑު އުޅާއެއް އަރުވާފައި އޮންނަ ފޫޓަކަށް ވުރެން ކުރު ހިފަހައްޓައިގެން އުޅޭ އިރު މުށުތެރެއަށް ހެއުވަރުގެ ލަކުޑި އެއްޗެކެވެ.

ތައްޖަހާގޮތީ މިދެންނެވި ތައްކަށީގެ އުޅާހުރި ކޮޅު ރުކުގެ ނުވަތަ ގަހުގެ ޖައްސާ ހިފަހައްޓައިގެން ހުރެ މުގުރު ދެތިން ބޮޑި އަޅާލަނީއެވެ. އެއިރުން ހުންނަނީ ރުއްގަހުގެ ތޮށިގަނޑު ކަނޑައިގެންގޮސް ލަކުޑިގަނޑަށް އަރާފައެވެ. ތައްޖަހަނީ ރުކާއި ބަނބުކެޔޮގަސް، ފެންފޯއްރުކާއި ކަށިގކެޔޮގަސްތަކުގައެވެ. އަމިއްލަ ތަކެތީގައި ޖަހަނީ އެއްތަތެވެ. ބަންޑާރަ ތަކެތީގައި ތިންތައް، ދެބައި އެއްޗެތީގައި 4 ތަތް، ތައްކަށީގެ ތަކެތީގައި 5 ތަތެވެ. ވީމާ ތައްކަށްޓަކީ މުޅި ރަށު ރުއްގަސްތިބޭހާ ހިސާބުގައި އޮތް ކުޑަކުޑަ ބަންޑާރަގަނޑެކެވެ. ތައްޖަހަން ވަޑައިގަންނަވަނީ ދައުލަތުން ފޮނުވާ މާލޭގެ ވަފުދެއްގެ ބެއިފުޅުންނެވެ. އެބެއިފުޅުންނަށް ދެކުނު އަތޮޅުތަކުގެ މީހުން ކިޔަނީ ބަނޑޭރި ބެއިކަލުންނެވެ. މި ވާހަކައިގެ އަސްލެއް ކަމުގައިވާ އައްޑޫގަމުގައި ފުރަތަމަ ތައްޖެހީ ހިޖުރައިން 1332 ވަނަ އަހަރުގައެވެ. އެފަހަރު ތައްޖަހަން ވަޑައިގަތީ

  • އަލްފާޟިލް އަލްމަރުޙޫމް އަބްދުﷲ ކަމާލުއްދީން ދަރަވަންދޫގެ
  • އަލްފާޟިލް އަލްމަރުޙޫމް ތުޅާދޫގެ ދޮންމަނިކު
  • އަލްފާޟިލް އަލްމަރުޙޫމް ފީބޯ ކާސިން ކަލޭގެފާނު
  • އަލްފާޟިލް އަލްމަރުޙޫމް މަލަން އާދަމް ކަލޭގެފާނު
  • އަލްފާޟިލް އަލްމަރުޙޫމް ދޮންމަނިކުގެ ޅަތުއްތު

މިބޭފުޅުންނާއި ބެއިކަލުންނެވެ.

-ނުނިމޭ-

ނޯޓް: މިއީ ސ.ފޭދޫ ޕެންޒީމާގޭ އަލްމަރުޙޫމް އަޙްމަދު ޙަސަން މަނިކުފާނު 1978ގައި އައްޑޫގައި ނެރުނު “މިލާބު” މަޖައްލާއަށް “އައްޑޫގަން” މި ނަމުގައި ލިޔުއްވާފައިވާ އައްޑޫގެ ތާރީޚާ ގުޅޭ މުހިއްމު ވާހަކަތަކެއް ހިމެނޭ ލިޔުމެކެވެ.