English Edition
Dhivehi Edition

ގއ. ވިލިނގިލީގެ އިތުރު ދޯންޏަކުން ފަލަސްތީނަށް ފައިސާ ހަދިޔާކޮށްފިއެވެ.

އެގޮތުން އެރަށު “ކަރަަވައްތާ” ދޯނިން ދިން ފައިސާގެ އެހީ ފަލަސްތީނަށް ހަދިޔާ ކުރުމަށްޓަކައި އެ ރަށު ކައުންސިލާއި ހަވާލުކޮށްފައިވާ ކަމަށް ވަނީ މައުލޫމާތު ލިބިފައެވެ. އަދި ހަދިޔާކޮށްފައިވަނީ އެ ދޯނީގެ އޮޑިވެރިޔާއި، ކެޔޮޅާއި، ފަޅުވެރިކުދިންގެ ފަރާތުން އެއް ޓަނުމަހުގެ އަގު 25،000 ރުފިޔާއެވެ.

މި ދޯނިން ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީވުމަށް ފައިސާ ހަދިޔާކޮށްފައިވާއިރު، އެއް ޓަނުގެ މަސް ކިރައިގެން ލިބުނު 25،000 ރުފިޔާގެ އެހީ ފަލަސްތީނަށް ހަދިޔާ ކުރުމަށް އެންމެ ފުރަތަމަ ނިންމީ ވިލިނގިލީގެ “ހުސީނާ” ދޯނިންނެވެ.

ފަލަސްތީނުގެ ހަމާސް ޖަމާއަތާއި އިސްރާއިލާ ދެމެދު މިހާރު ކުރަމުންދާ ހަނގުރާމައިގައި ޣައްޒާ ވަނީ ސުންނާފަތިވެފައެވެ.

އެހެންވެ ދިވެހީންގެ އެތައް ބަޔަކު ޣައްޒާގެ މުސްލިމުންނަށް ދަނީ ފައިސާގެ އެހީ ދެމުންނެވެ. ރާއްޖޭގެ އެހީ ދޭ ޖަމިއްޔާ އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން ޣައްޒާގެ ރައްޔިތުންނަށް އެހީވުމަށް ހުޅުވާފައިވާ ފަންޑު ފޮއްޓަށް މިހާތަނަށް ވަނީ ތިން މިލިއަނަށް ވުރެ ގިނަ ފައިސާ ލިބިފައެވެ.

މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން ގެންދާ ހަމަލާތަކުގައި މިހާތަނަށް ފަލަސްތީނުގެ 2200 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައި ވާއިރު، 8500 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ. އަދި އިސްރާއީލުން ވަނީ ޣައްޒާ ބަންދުކޮށް، ކާބޯތަކެއްޗާއި، ފެނާއި، ކަރަންޓާއި، ތެލާއި، ބޭސް ފަދަ ޒަރޫރީ ތަކެތި ލިބޭނެ މަގުތައްވެސް ބަންދުކޮށްފައެވެ.