ގއ. ވިލިގިލީގައި ހާލު ދެރަވެ އިތުރު ފަރުވާއަށް މާލެ ގެނައި ކުޑަކުއްޖާ އަށް ފަރުވާ ދެމުން ދަނިކޮށް ނިޔާވެއްޖެއެވެ.
އާއިލާގެ ފަރާތުން މައުލޫމާތު ދެމުން ބުނީ ކުއްޖާ ނިޔާވީ އައިޖީއެމްއެޗް ހޮސްޕިޓަލުގައި ފަރުވާ ދެމުން ދަނިކޮށް މިއަދުގެ ވަގުތެއްގައި ކަމަށެވެ.
މައުލޫމާތު ލިބިފައިވާ ގޮތުން ގްރޭޑް 7 ގައި ކިޔަވަމުން ދިޔަ އެކުއްޖާ މިދިޔަ ބުދަ ދުވަހުގެ ރޭގެ ވަގުތެއްގައި ހޮޑުލުމާ ގުޅިގެން ޑޮކްޓަރަށް ދައްކާފައިވެއެވެ. އަދި ބޭސް ދިނުމަށްފަހު ޑޮކްޓަރު އެކުއްޖާ ގެއަށް ދޫކޮށްލި ފަހުން ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ކުއްޖާގެ ހާލުދެރަވުމާ ގުޅިގެން ހޮސްޕިޓަލަށް ގެންގޮސްފައިވެއެވެ. އެ ކުއްޖާ އެޑްމިޓްކޮށް ފަރުވާދެމުން ދަނިކޮށް ކުއްްލިއަކަށް ނޭވާ ހުއްޓި ވެންޓިލޭޓަރަށް ލާންޖެހުނުއިރު އެ ކުއްޖާ އިތުރު ފަރުވާއަށް މާލެ ފޮނުވުން ލަސްވެ އެ ރަށުގައި ވަނީ އިހްތިޖާޖުވެސް ކޮށްފައެވެ.
އެ ރަށު ގިނަ ބަޔަކު ހޮސްޕިޓަލް ކައިރިއަށް އެއްވެ އިހްތިޖާޖުކޮށްފައިވާއިރު މައުލޫމާތު ލިބިފައިވާ ގޮތުން ކުއްޖާ މާލެ ފުރުވާލެވުނީ ބުރާސްފަތި ދުވަހު ހަވީރުގެ ވަގުތެއްްގައެވެ.