English Edition
Dhivehi Edition

މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އިފްތިތާޙްކޮށްދެއްވައިފިއެވެ.

މިރަސްމިއްޔާތު އޮތީ މާލޭ އިންޑަސްޓްރިއަލް ޒޯން ސަރަހައްދުގައި ހުންނަ ވެމްކޯގެ ސައިޓްގައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ކުނި މެނޭޖްކުރުމާއި ރައްކާތެރިގޮތުގައި ކުނި ނައްތާލުމަކީ، މިސަރުކާރުން ޚާއްޞަ އިސްކަމެއްދީގެން ކުރިޔަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢު ކަމަށާއި، މި މަޝްރޫޢު މުޅިން ނިމިގެންދާއިރު، ކުންޏަކީ އެއިން ނަފާ ހޯދޭ އަގުހުރި އެއްޗަކަށް ވެގެންދާނެ ކަމަށެވެ.

ކުނި މެނޭޖްކުރުމުގެ މަސައްކަތުގެ ދަށުން، ތިލަފުށީގައި ކުނިއެންދުން ހުއްޓާލުމާއި، އަތޮޅުތަކުގައި ކުނި މެނޭޖްކުރުމަށް ކުރެވިފައިވާ މަސައްކަތްތައްވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވަނީ ފާހަގަކުރައްވާފައެވެ.

މާލެ ސަރަހައްދުގެ ކުނީގެ މައްސަލައިގެ މައްޗަށް އަލިއަޅުއްވާލައްވައި، ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މާލެ ސަރަހައްދުގައި ބޮލަކަށް އެއްކިލޯގެ ކުނި ދުވާލެއްގެ މައްޗަށް އުފެދޭއިރު އެއީ ވަރަށް ބޮޑު އަދަދެއް ކަމަށެވެ. އަދި ކުނީގެ މައްސަލައަށް ހައްލު ހޯދުމުގައި ކުނި އުފެދޭ މިންވަރު މަދުކުރުމާއި ކަނޑުފަޅާއި ގޮނޑުދޮށްތަކާއި އާންމު ތަންތަނަށް ކުނި ނޭޅުމުގެ މުހިއްމުކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ވެށީގެ ސާފުތާހިރުކަމަކީ ތަހުޒީބު މުޖުތަމަޢުތަކުން ފެންނާނެ އެންމެ މުހިންމު އެއްކަންތަކުގެ ގޮތުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ އިޤުތިޞާދާއި ތިމާވެއްޓާއި އޮތް ގުޅުމުގެ މައްޗަށް އަލިއަޅުވާލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަން ގުޅިފައި ވަނީ، ރާއްޖޭގެ ކަނޑުފަޅާއި ގޮނޑުދޮށްތަކުގެ ރީތިކަމުގެ މައްޗަށް ކަމުގައި ވުމުން، މޫދަށާއި ގޮނޑުދޮށްތަކަށް ކުނިބުންޏާއި ޕްލާސްޓިކްގެ ބާވަތްތައް އުކާލުމުން ކުރާނެ ނޭދެވޭ އަސަރުތައް ބޮޑު ކަމަށެވެ. އަދި ޕްލާސްޓިކް ކުނީގެ ސަބަބުން ފަރުތަކަށް ގެއްލުން ލިބޭއިރު، ޞިއްޙަތަށް އޮތް ނުރައްކާ ބޮޑުކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މާލޭގައި ޤާއިމްކުރެވުނު އައު ވޭސްޓް ޓްރާންސްފަރ ސްޓޭޝަނަކީ، ޒަމާނުއްސުރެ މާލޭގައި ކުނި މެނޭޖުކުރުމަށާއި، އެކުނި ތިލަފުއްޓަށް އުފުލުމަށް ހުރި ދަތިތަކަށް އެކަށީގެންވާ ހައްލެއް ގެނައުމުގެ މަޤުޞަދުގައި ޒަމާނީ ވަޞީލަތްތަކާއިއެކު ބިނާކޮށްފައިވާ 65ހާސް އަކަފޫޓުގެ ޖާގަ ތަނަވަސް މަރުކަޒެކެވެ. އަދި މިމަރުކަޒު ފަރުމާކޮށްފައި ވަނީ، ތިމާވެއްޓާއި ރައްޓެހި އަދި ބައިނަލްއަޤުވާމީ މިންގަނޑުތަކަށް ފެތޭ ގޮތަށެވެ.

މިސެންޓަރުން ތިލަފުއްޓަށް ކުނިއުފުލާނީ ކޮންޓޭނަރުތަކުގައި ކުނި ބަންދުކޮށްގެންނެވެ. މީގެ އިތުރުން މާލޭ ވޭސްޓް ޓްރާންސްފަރ ސްޓޭޝަންގައި ހިމެނޭ އިދާރީ މަސައްކަތްތައް ހިންގާ ޢިމާރާތަކީ، ކާރިސީ އަދި މޫސުމީ ހީރާސްތަކުން ރައްކާތެރިކަން ހޯދޭނޭ ގޮތަށް ފަރުމާކޮށްފައިވާ ޢިމާރާތެކެވެ.