English Edition
Dhivehi Edition
އިމިގްރޭޝަންގެ ލޭބަރ ސެކްޝަން - ފޮޓޯ: އިމިގްރޭޝަން

ޕާސްޕޯޓު ގެއްލުމުން، އަލުން އާ ޕާސްޕޯޓެއް ހައްދަން ނަގާ ޖޫރިމަނާ 2،000 ރުފިޔާއަށް ވުރެ އިތުރުނުވާ ގޮތަށް ދިވެހި ޕާސްޕޯޓާ ބެހޭ ގަވާއިދު އިސްލާހު ކޮށްފިއެވެ.

މީގެ ކުރިން ޕާސްޕޯޓު ގެއްލިއްޖެ ނަމަ 5،000-20،000 ރުފިޔާ އާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެއެވެ. މި ގޮތުން ފުރަތަމަ ފަހަރު 5،000 ރުފިޔާ، ދެވަނަ ފަހަރު 10،000 ރުފިޔާ އަދި ތިން ވަނަ ފަހަރު 20،000 ރުފިޔާއެވެ. ނަމަވެސް މިހާރު ގެނައި އިސްލާހާއެކު ޕާސްޕޯޓު ގެއްލުނީ އިހުމާލުން ނޫންކަން އެނގޭ ޕޮލިސް ރިޕޯޓަކާއެކު ހުށަހެޅުމުން 2،000 ރުފިޔާއަށްވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާ ކުރެވޭ ގޮތަށް ވަނީ ގަވައިދަ ވަނީ ބަދަލުކޮށްފައެވެ. މީގެ އިތުރުން ގެއްލުނު ޕާސްޕޯޓަކީ މުއްދަތު ހަމަވެފައިވާ ޕާސްޕޯޓެއް ނަމަ ޖޫރިމަނާއެއް ނުނަގާ ގޮތަށް ގަވާއިދުގައި ހިމަނާފައިވެއެވެ.

މި ގަވައިދުގައިވާ ގޮތުން ޕާސްޕޯޓުގެ މައްސަލައެއްގައި ކޮށްފައިވާ ޖޫރިމަނާއެއް އެ ވަގުތު ދެއްކެން ނެތް ނަމަ އިމަޖެންސީ ހާލަތުގައި ރާއްޖެ އިން ބޭރަށް ފުރާ އިރު ޖޫރިމަނާ ފައިސާ ނުދެއްކިޔަސް ދަތުރުކުރުމުގެ ވަގުތީ ލިޔުމެއް އިމިގްރޭޝަނުން ދޫކުރާނެއެވެ.

އާ ގަވައިދުގައި ބުނާގޮތުން 18 އަހަރުން ދަށުގެ ކުދިންނާއި ދިގު މުއްދަތަކަށް ޖިސްމާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ނަފްސާނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ހިއްސުގެ ނުވަތަ ސިކުނޑީގެ އުނިކަން ހުންނަ މީހުންގެ ޕާސްޕޯޓް ބެލެހެއްޓުމަކީ އެ މީހުންގެ ބެލެނިވެރިން ނުވަތަ ޝަރުއީ ބަލަދުވެރިންގެ ޒިންމާއެކެވެ.