English Edition
Dhivehi Edition

އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އ.ދ. އިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ރެސިޑެންޓް ކޯޑިނޭޓަރ، އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.

ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމާއި މުއައްސަސާތައް ވަރުގަދަކުރުމާއި ޑިމޮކްރެސީ ހަރުދަނާކުރުމުގައި އ.ދ. އިން ދެއްވަމުންގެންދަވާ ފަންނީ އެހީތެރިކަން ފާހަގަކުރައްވައި ޝުކުރުއަދާކުރެއްވިއެވެ. އަދި ކުރިޔަށް އޮތް ދައުރުގައިވެސް އެކި ދާއިރާތަކުން ދިވެހިރާއްޖޭގެ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އ.ދ. ގެ އެހީތެރިކަމަށް އެދިވަޑައިގެންނެވިއެވެ.

އ.ދ. ގެ ރެސިޑެންޓް ކޯޑިނޭޓަރގެ ވާހަކަފުޅުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ބޭނުންވާ އެކި ދާއިރާތަކުން ފުރިހަމަ އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަންދެއްވިއެވެ. މި ގޮތުން އާ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ވަޢުދުތަކުގެ ޕްލޭނަށާއި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާގެ މެނިފެސްޓޯގައި ވަޢުދުވެވަޑައިގެންފައިވާ ޤައުމީ ތަރައްޤީގެ ޕްލޭންތަކަށް ފުރިހަމަ އެހީތެރިކަން ދެއްވާނެކަމަށް ވިދާޅުވިއެވެ. އަދި މެނިފެސްޓޯގައި އަންހެނުން ބާރުވެރިކުރުވުމަށް ވެވަޑައިގެންފައިވާ ވަޢުދުތަކަށް ތަޢުރީފުކުރެއްވިއެވެ.

މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސްވެސް ބައިވެރިވެވަޑައިގެންނެވިއެވެ.