އަދުލު އިންސާފު ގާއިމު ވެފައިވާ ސަރުކާރެއް އެކުލަވައިލުމުގައި ޑިމޮކްރެޓްސްގެ މަޝްވަރާ ހޯދާފައިވާކަމަށް ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެވެ.
މިއަދު ދަ ޑިމޮކްރެޓްސްގެ އިސް ބޭފުޅުންނާއެކު ޕީޕީއެމް/ޕީއެންސީ އިން ބޭއްވި ބައްދަލުވުމަށް ފަހު އަބްދުއްރަހީމް ވިދާޅުވީ ގައުމެއް ގައުމެއްގެ ގޮތުގައި ކުރިއަރައިގެން ދިޔުމުގައި އެންމެ މުހިންމު ކަމެއްގެ ގޮތުގައި އޮންނާނީ އެތަނެއްގައި އަދުލު އިންސާފާއި ހަމަހަމަކަން ގާއިމުވެފައި އޮތުން ކަމަށެވެ. އަދި އެ ފަދަ ސަރުކާރެއް އެކުލަވާލުމަށް ޑިމޮކްރެޓްސްއާއި އެކު މަޝްވަރާކޮށްފައިވާކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
ދަ ޑިމޮކްރެޓްސްގައި މި ސަރުކާރު ހިންގުމުގައި ހިއްސާވެފައިވާ ބޭފުޅުންވެސް ތިއްބެވިކަން ފާހަގަކޮށް އަބްދުއްރަހީމް ވިދާޅުވީ އެ ބޭފުޅުންނަށް ކުރެވިފައިވާ ތަޖުރިބާތައްވެސް ހިއްސާކޮށްފައިވާ ކަމަށެވެ. އެމްޑީޕީގެ ސަރުކާރުގައި ދިމާވެފައި ހުރި އެކިއެކި މައްސަލަތަކާ ގުޅިގެން ކުރަންޖެހުނު ތަޖުރިބާ އާއި އެކަންކަމުގެ އަލީގައި ކުރިއަށް ދާނެ ގޮތާމެދު ޑިމޮކުރެޓުންގެ ހިޔާލު ހުރިނެތް ގޮތް އެ ޕާޓީގެ ފަރާތުން ހިއްސާކޮށްފައިވާ ކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.
ޕީޕީއެމް/ޕީއެންސީގެ އިސް ބޭފުޅުން ޑިމޮކްރެޓް އާއި ބައްދަލުކޮށްފައިވާއިރު އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒު ވަނީ އެ މަނިކުފާނުގެ ސަރުކާރެއްގައި ގާބިލު ކޮންމެ ބޭފުޅަކަށްވެސް ފުރުސަތު ލިބިގެންދާނެ ކަމަށް ވިދާޅުވެފައެވެ.