English Edition
Dhivehi Edition

އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުވާކުރެއްވުމުގެ ރަސްމިއްޔާތު އޮންނާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށް އިންތިހާބީ އޮފީހުން ވިދާޅުވެއްޖެއެވެ.

އެ އޮފީހުގެ ތަރުޖަމާނު މުހައްމަދު ފިރުޒުލް ވިދާޅުވީ މޫސުން ތަންދޭ ނަމަ އިންތިހާބީ ރައީސް މުއިއްޒާއި އިންތިހާބީ ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް މަގާމުގެ ހުވާ ކުރެއްވުމުގެ ރަސްމިއްޔާތު ބާއްވާނީ އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ކަމަށެވެ. އަދި މިރަސްމިއްޔާތު ބާއްވާނީ ޖުމްހޫރީ މައިދާނުގައި ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ އާއި އެ މަނިކުފާނުގެ ނައިބު މަގާމުގެ ހުވާކުރެއްވުމުގެ އިންތިޒާމުތައް ހަމަޖައްސަނީ ރައްޔިތުންގެ މަޖިލިހުގެ އިދާރާ އިން ކަން ފާހަގަކުރައްވާ އޭނާ ވިދާޅުވީ ޑރ. މުއިއްޒު ވެސް އެދިވަޑައިގަންނަވަނީ ހުވާ ކުރުމުގެ ރަސްމިއްޔާތު ޖުމްހޫރީ މައިިދާނުގައި ބޭއްވެވުމަށް ކަމަށެވެ.

ފިރުޒުލް މިހެން ވިދާޅުވެފައިވާއިރު، ރައީސް ސާލިހު ވިދާޅުވެފައިވީ ނޮވެމްބަރު 11 އަކީ ތާރީޚުގައި ރާއްޖޭގެ ވެރިކަންތައް ބަދަލުވަމުން އައިސްފައިވާ ދުވަސް ކަމަށާއި އެކަން އަނެއްކާ ވެސް އިޔާދަކުރައްވަން ބޭނުންފުޅުވާ ކަމަށެވެ.

އެހެންވެ، ގާނޫނީ ހުރަހެއް ނެތް ނަމަ ނޮވެމްބަރު 11 ގައި އިންތިހާބީ ރައީސް ހުވާކުރައްވަން ބޭނުންފުޅުވާ ކަމަށް ރައީސް ސާލިހު ވަނީ ވިދާޅުވެފައެވެ.