އިންތީޚާބީ ރައީސުލްޖުމްހޫރިއްޔާ، ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް، އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައިވާ ސަފީރު، އިޙުތިރާމުގެ ޒިޔާރަތެއްކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި، އިންތިޚާބީ ނައިބު ރައީސް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
ބައްދަލުވުމުގައި، އިންތިޚާބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރިޔާސީ ދައުރުގައި، އިންޑިއާ އެކު އޮންނަ ގުޅުން ސިޔާދަތީ އިޙުތިރާމުގެ އަސާސްތަކުގެ މައްޗަށް އިޢާދަކުރައްވައި، ޒަމާނުއްސުރެ އިންޑިއާއާ ދިވެހިރާއްޖެއާ ދެމެދު އޮންނަ ޚާއްސަ ގުޅުން ހަރުދަނާކުރައްވައި އިތުރު އާ ހަރުފަތަކަށް ގެންދެވުމަށް އުއްމީދުކުރައްވާކަމަށް ވިދާޅުވިއެވެ.
ހަމަ އެއާއެކު، ދިވެހިރާއްޖޭގެ ސިޔާދަތީ މުސްތަޤިއްލުކަން ހިމާޔަތްކުރުމަށް، ދިވެހި ރައްޔިތުން ނިންމެވި ނިންމެވުން ތަކުރާރުކުރައްވަވައި، އެ ކަންކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަގީންކަން އޮތްކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން، ހިގަމުންމިދާ ސަރުކާރުން، އިންޑިއާއިން ނަގާފައިވާ ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައިދެއްވުމަށް އުއްމީދުކުރައްވާކަން ފާހަގަކުރެއްވެވިއެވެ.
އިންޑިއާގެ ސަފީރު ވަނީ ރާއްޖޭގެ މުސްތަގިއްލު ކަމަށް ފުރިހަމަ އަށް އިހްތިރާމް ކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވައި، ލޯނުތައް އަދާކުރުމުގައި ލުއި ގޮތްތަކެއް ހަމަޖައްސަވައި ދެއްވުމަށް މަޝްވަރާކުރައްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.