މާލޭގެ މޭޔަރުގެ ޒިންމާ އެސިޓީގެ ޑެޕިއުޓީ މޭޔަރު އަޙުމަދު ނަރީޝްއާއި ހަވާލުކުރަން ނިންމައިފި އެވެ.
މާލެ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގައި މިގޮތަށް ނިންމީ މޭޔަރުގެ މަގާމުގައި ހުންނެވި ޑރ. މުޙައްމަދު މުޢިއްޒު، ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމަށް އިންތިޚާބުވުމާ ގުޅިގެންނެވެ.
މާލޭ ސިޓީ ކައުންސިލްގެ މިއަދުގެ ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީވެސް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުއިއްޒު އެވެ. އެހެންކަމުން މިއަދުގެ ބައްދަލުވުން ވެފައިވަނީ މޭޔަރުގެ މަގާމުގައި ޑރ. މުޢިއްޒު ރިޔާސަތު ބަލަހައްޓަވާ އެންމެ ފަހު ބައްދަލުވުމަށެވެ.
މި ބައްދަލުވުމުގައި ޑރ. މުއިއްޒު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ ކުރައްވަންދެން އެމަނިކުފާނު މޭޔަރގެ މަގާމުގައި ދެމިހުންނަވާނެ ކަމަށާއި އެހެންނަމަވެސް މަގާމުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރާ ހަވާލުކުރުމަކީ ގާނޫނީ ގޮތުން ކުރެވެން އޮތް ކަމަކަށްވާތީ އެކަން އެގޮތަށް ކުރުމަކީ އެންމެ އިންސާފުވެރި ގޮތް ކަމަށް ފެނިވަޑައިގަންނަވާ ކަމަށެވެ.
“މި ޓްރާންސިޝަން ޕީރިއަޑުގައި މިކަމުގެ މަސައްކަތްތަކަށް ވަރަށް ވަގުތު ދޭން ބޭނުންވޭ. އެހެންނޫނިއްޔާ 17 ނޮވެންބަރުގައި މަސައްކަތް ފަށާއިރު [ވެރިކަމާ ހަވާލުވާއިރު] ފުލީ ޕުރިޕެއާޑް ނުވެދާނެ. އަޅުގަނޑު ބޭނުން ޓްރާންސިޝަންގެ މަސައްކަތްތަކާއި ކޮމިޓީތައް ހިންގާގޮތްތައް ބަލައި އެހީތެރިކަންދީ އެ މަސައްކަތަކުގައި ހުރިހާ ތަނަކުން ހޯދަންވާ މައުލޫމާތުތައް އެއްކޮށް އެނަލައިޒްކޮށް ޕްލޭން ހަދައިގެން މަސައްކަތް ފަށަން. ” މުއިއްޒު ވިދާޅުވި އެވެ.
އެމަނިކުފާނު ވިދާޅުވި ރިޔާސީ މެނިފެސްޓޯގައި އޮތް ގޮތަށް ކަންކަން ހާސިލްކުރުމަށްޓަކައި ތަފްސީލްކޮށް ޕްލޭނެއް ހަދައިގެން މަސައްކަތް ކުރަން ބޭނުންވާތީ އެކަމަށް ވަގުތު ހުސްކުރަން ބޭނުންވާ ކަމަށެވެ. އެހެންކަމުން ސިޓީ ކައުންސިލްގައި ދުވަހުން ދުވަހަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް ވަގުތު ދެވިދާނެ ކަމަށް ނުފެންނާތީ އާއި އެއީ މާލޭގެ ރައްޔިތުންނަން އެންމެ ހައްގު ގޮތް ނޫން ކަމަށްވާތީ މޭޔަރުގެ ޒިންމާތައް ޑެޕިއުޓީ މޭޔަރާ ހަވާލުކޮށްދެއްވުމަށް މުޢިއްޒު އެދިވަޑައިގެންނެވި އެވެ.
މުއިއްޒު އިތުރަށް ވިދާޅުވީ ސިޓީ ކައުންސިލް ހިންގުމުގައި ލިބެންޖެހޭ ހުއްދަތައް ނުލިބުމުގެ ސަބަބުން މިހާތަނަށް ދިމާވެފައިވާ ގޮންޖެހުންތަކަށް ކުރިއަށް އޮތްތާ ޙައްލު ލިބިގެން ދާނެ ކަމަށާއި އެހެންކަމުން އެއީ ރައްޔިތުން ހޮއްވަވާފައިތިބި ކައުންސިލަރުންނަށް އެމީހުންގެ ދައުރު ފުރިހަމައަށް އަދާ ކުރުމަށް މަގުފަހި ވެގެންދާނެ ކަމެއް ކަމަށް ވިދާޅުވިއެވެ.