ދަ ޑިމޮކްރެޓްސް އާ އެކު އެއްވެސް ކަމެއްގައި އެއްބަސްވުމެއް ހަދާފައި ނުވާނެ ކަމަށް އެމްޑީޕީ އިން ބުނެފިއެވެ.
އެމްޑީޕީ އިން މިހެން ބުނީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ދަ ޑިމޮކްރެޓްސް އިން ވަކި ކޮޅަކަށް ތާއީދު ނުކޮށް ތިބޭ ނަމަ، ރާއްޖޭގެ ވެރިކަން ކުރުމުގެ ނިޒާމު ބަދަލުކުރުމަށް ކުރަމުން އަންނަ މަސައްކަތުގައި އެއްބާރުލުން ދޭނެކަމަށް އެމްޑީޕީ އިން ބުނެފައިވާކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކައަށް ރައްދު ދެމުންނެވެ.
މި ގޮތުން އެމްޑީޕީ އިން ބުނީ ދި ޑިމޮކްރެޓްސްއިން މި ޕާޓީއަށް ހުށަހެޅި ހުށަހެޅުމަކީ 30 ސެޕްޓެމްބަރުގެ ކުރިން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމަށް އެއްބަސްވާ ނަމަ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓަށް ދި ޑިމޮކްރެޓްސްއިން ތާއީދުކުރާނެ ކަމަށެވެ. އެހެންނަމަވެސް މި ހުށަހެޅުމަށް އެމްޑީޕީއިން ގަބޫލުކުރެވެން ނެތް ކަމަށް ދި ޑިމޮކްރެޓްސްއަށް އަންގާފައިވާނެކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެމްޑީޕީ އިން ބުނީ އެއްވެސް ކަމަކަށް އެ ޕާޓީއާ ދި ޑިމޮކްރެޓްސް އާ ދެމެދު އެއްބަސްވެފައިނުވާނެ ކަމަށެވެ. އަދި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދުނުކުރުމަށް ދި ޑިމޮކްރެޓްސްއިން ނިންމި ނިންމުމަކީ މި ޕާޓީއާއެކު އެއްވެސް އެއްބަސްވުމެއްގެ ދަށުން ނިންމާފައިވާ ނިންމުމެއް ނޫންކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.