English Edition
Dhivehi Edition
ފޮޓޯ: ރައްޔިތުންގެ މަޖިލީސް

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓަށް ފަހު ރައްޔިތުންގެ މަޖިލީހުން މިއަދު ބާއްވަން އުޅުނު ޖަލްސާވެސް ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްކޮށްފިއެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި އެޖެންޑާ ކޮށްފައި ވަނީ ރާއްޖޭގައި މިހާރު އޮތް ވެރިކަމުގެ ނިޒާމު ބަދަލުކުރުމާ ގުޅޭގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމަށް މަޖިލީހުން ފާސްކޮށްފައިވާ ގަރާރާ ގުޅޭގޮތުން އިލެކްޝަންސް ކޮމިޝަނުން ފޮނުވާފައިވާ ސިޓީއާ ގުޅޭ ގޮތުން ބަހުސްކުރުމެވެ.

މަޖިލީހުގެ ކޯރަމް ހަމަވާ އަދަދަކީ 22 މެންބަރުންނެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާ ފެށުނު އިރު މަޖިލީހުގައި ތިބީ 15 މެންބަރުންނެވެ. މަޖިލީހުގެ ރިޔާސަތުން ޖަލްސާ ކެންސަލްކޮށްފައިވަނީ 15 މިނިޓް ވަންދެން ކޯރަމް ހަމަވޭތޯ މަޑުކުރުމަށް ފަހުގައެވެ.

ފަހަކަށް އައިސް ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ކޯރަމް ހަމަނުވާ މައްސަލަ އިތުރުވެފައިވާއިރު ، މިދިޔަ ހަފްތާގެ ހޯމަ ދުވަހު ބާއްވަން އުޅުނު ޖަލްސާވެސް ވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުން ކެންސަލްކޮށްފައެވެ.