English Edition
Dhivehi Edition

މިއަދު ބޭއްވި ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އައްޑޫ ސިޓީ ފިޔަވައި ހުރިހާ ސިޓީއެއްގެ މެޖޯރިޓީ އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓު ޑރ. މުހައްމަދު މުއިއްޒު ހޯއްދަވާފައިވާ ކަން ވަގުތީ ނަތީޖާތަކުން ދައްކައިފިއެވެ.

މިއަދު ބޭއްވި އިންތިޚާބުގެ ދެވަނަ ބުރުގައި 282،804 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިފައިވާއިރު އޭގެ ތެރެއިން 86 އިންސައްތައަށް ވުރެ ގިނަ މީހުން ވަނީ ވޯޓުލާން ނިކުމެފައެވެ.

މިއަދު ވޯޓުލީ މީހުންގެ ތެރެއިން މުއިއްޒުއަށް މެޖޯރިޓީ ލިބިގެންދިޔަ ސިޓީތަކުގެ ތެރޭގައި ހިމެނެނީ މާލެ ސިޓީ، ފުވައްމުލައް ސިޓީ، ތިނަދޫ ސިޓީ އަދި ކުޅުދުއްފުށި ސިޓީންއެވެ.

ރައީސް ސޯލިހް ދެވަނަ ބުރުގައި މެޖޯރިޓީ ހޯއްދެވުނު ހަމައެކަނި ސިޓީއަކީ ފުރަތަމަ ބުރުގައި ވެސް މެޖޯރިޓީ ހޯއްދެވި އައްޑޫއެވެ. ދެވަނަ ބުރުގައި އައްޑޫން އެމަނިކުފާނަށް 9،819 ވޯޓު ލިބިވަޑައިގެންނެވި އިރު، މުއިއްޒަށް ލިބިވަޑައިގެންފައި ވަނީ 8،107 ވޯޓެވެ. ދެ ބޭފުޅުންގެ ދެމެދުގައި 1،712 ވޯޓުގެ ތަފާތެއް ފެނެއެވެ.

މި މަހު ނުވައެއްގައި ބޭއްވި އިންތިޚާބުގެ ފުރަތަމަ ބުރުގައި ވެސް އެންމެ ގިނަ ވޯޓު ހޯއްދެވީ މުއިއްޒެވެ. އޭނާއަށް ފުރަތަމަ ބުރުގައި 110،000 އަށްވުރެ ގިނަ ވޯޓު ލިބިވަޑައިގަތެވެ. އަދި، އޭގެ ފަހުން ދެވަނަ ބުރުގައި އެމްއެންޕީންނާއި ފުރަތަމަ ބުރުގައި އެމްޑީޕީގެ ކެންޑިޑޭޓު ރައީސް އިބްރާހިމް މުހައްމަދު ޞާލިޙަށް ތާއީދު ކުރެއްވި އެމްޑީއޭއިން ވެސް ވަނީ މުއިއްޒަށް ތާއީދު ކުރަން ނިންމައިފައެވެ.