English Edition
Dhivehi Edition

މިއަހަރުގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވާ ކެނޑިޑޭޓަކަށް އިންތިހާބު ކާމިޔާބު ކުރެއްވިކަމުގެ ރަސްމީ ލިޔުމެއް ހަވާލުކުރައްވާނެކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރު ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ވެފައިވާ އެންމެފަހުގެ ތައްޔާރީތަކުގެ މަޢުލޫމާތު ދެއްވުމަށް ބޭއްވި ޕްރެސްކޮންފަރެންސްގައި އެކޮމިޝަނުގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ އިންތިހާބުގައި ހޮވިވަޑައިގަންނަވާ ކެނޑިޑޭޓަކަށް ލިޔުން ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއްވެސް ބޭއްވުމަށް އެ ކޮމިޝަނުން ނިންމާފައިވާކަމަށެވެ.

އިތުރަށް ވާހަކަ ދައްކަވަމުން ހަބީބު ވިދާޅުވީ މިފަހަރު ރިޔާސީ އިންތިޚާބުގައި ހޮވިވަޑައިގަންނަވާ ކެނޑިޑޭޓަކަށް ރަސްމީ ނަތީޖާއަކާއިއެކީގައި އެބޭފުޅަކު ހޮވިވަޑައިގެންނެވި ކަމުގެ ރަސްމީ ލިޔުން ރަސްމިއްޔާތެއްގެ ތެރެއިން ކެންޑިޑޭޓަކާއި ހަވާލުކުރުމަށް ކޮމިޝަނުން ނިންމާފައިވާ ކަަމަށެވެ.

މިއަހަރުގެ ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި 8 ކެނޑިޑޭޓަކު ވަނީ ވާދަކޮށްފައެވެ. ނަމަވެސް އެއްވެސް ކެނޑިޑޭޓަކަށް ޤާނޫނުގައި ބުނާ އަދަދަށް ވޯޓު ލިބިވަޑައިނުގަތުމުން ދެވަނަ ބުރެއް ބާއްވަން ޖެހުނީއެވެ. އިންތިޚާބުގެ 2 ވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުން އެންމެ ގިނައިން ވޯޓު ލިބިވަޑައިގަތް 2 ކެނޑިޑޭޓުންނެވެ. އެއީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުޙައްމަދު މުޢިއްޒާއި، އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ.

އިންތިޚާބުގެ އެންމެ ފަހުގެ ތައްޔާރީތަކާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އިސްމާއިލް ހަބީބު ވިދާޅުވީ ދެވަނަ ބުރުގެ ވޯޓުލުން ކުރިއަށްދާނީ ހޮނިހިރު ދުވަހުގެ ހެނދުނު 8:00 ން ހަވީރު 5:00 އަށް ކަމަށެވެ. އެ ވަގުތު އީސީން އިތުރު ނުކުރާނެ ކަމަށާއި އިތުރުކުރާނެ ކަމަށް އުއްމީދުނުކޮށް ވީހާވެސް އަވަހަށް ވޯޓުލުމުގެ ޙައްގު އަދާ ކުރުމަށް އޭނާ އިލްތިމާސްކުރެއްވިއެވެ.