English Edition
Dhivehi Edition

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވޯޓުލުމުން ފާހަގަ ޖަހާނީ ވައަތުގެ ކަށި އިނގިލީގައި ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފިއެވެ.

އެ ކޮމިޝަނުން ކޮށްފައިވާ ޓްވީޓެއްގައި ވަނީ ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރު ގައި، ވޯޓުލާ މީހުންގެ ވައަތުގެ ކަށި އިނގިލީގައި ފާހަގަ ޖަހާގޮތަށް ކޮމިޝަނުން ނިންމަވައިފި ކަމަށެވެ.

“ރިޔާސީ އިންތިހާބު 2023 ގެ ދެވަނަބުރު ގައި، ވޯޓުލާ މީހުންގެ ވައަތުގެ ކަށި އިނގިލީގައި ފާހަގަ ޖަހާގޮތަށް ކޮމިޝަނުން މިއަދު ނިންމަވައިފި.” އީސީގެ ޓްވީޓުގައި ބުނެފައި ވެއެވެ.

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގެ ވޯޓުލުން މާދަމާ ކުރިއަށް ދާނީ ހެނދުނު 08:00 ން ފެށިގެން ހަވީރު 17:00 އަށެވެ.

މިމަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލީ ކަމުގެ ފާހަގަ ޖަހާފައި ވަނީ ވައަތުގެ ޝަހާދަތް އިނގިލީގައެވެ. މި ފާހަގަ ޖަހަނީ ވޯޓުލާފައިވާކަން ޔަގީންކުރުމަށެވެ. އިނގިލީގައި ޖަހާ ފާހަގަ ވަރަށް ގިނަ ދުވަހު ނުފިލާ ހުރެ އެވެ.

ރިޔާސީ އިންތިހާޞުގެ ދެވަނަ ބުރެއް ބާއްވަން ޖެހުނީ މި މަހުގެ 9 ގައި ބޭއްވި އިންތިހާބުގައި ވާދަކުރެއްވި 8 ބޭފުޅުންގެ ތެރެއިން އެއްވެސް ބޭފުޅަކަށް 50 ޕަސެންޓަށް ވުރެ މަތިން ވޯޓު ލިބިވަޑައިގެންފައި ނުވާތީއެވެ. ދެވަނަ ބުރުގައި ވާދަކުރައްވަނީ ފުރަތަމަ ބުރުން އެންމެ ގިނަ ވޯޓު ހޯއްދެވި ޕީއެންސީގެ ޑރ. މުހައްމަދު މުއިއްޒު އަދި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސާލިހުއެވެ.