ޕީއެންސީގެ ވެރިކަމެއްގައި ސިޔާސީ މަގާމުތަކުގައި ތިބި މީހުން ފިޔަވައި އިތުރު އެއްވެސް މީހަކު ވަޒީފާއިން ވަކިނުކުރާނެކަމުގެ ޔަގީންކަން އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރޭ އައްޑޫ ސިޓީ ހުޅުދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ އޭނާގެ ސަރުކާރެއްގައި އެއްވެސް މަޝްރޫއުތައް ނުހުއްޓި ކުރިއަށް ދާނެ ކަމަށާ ސިޔާސީ މަގާމުތައް ނޫން ވަޒީފާތަކުގައި ތިބި އެންމެން ވަޒީފާގައި ތިބޭނެ ކަމަށެވެ. އަދި ޒުވާނުންނާއި ކަނބަލުންނަށް ފުދުންތެރިކަން ހޯދައިދިނުމުން އެކިއެކި ފުރުސަތުތައް ޒަމާނީ ވަސީލަތްތައް ފަހިކޮށްދޭނެކަމަށް މުއިއްޒު ވިދާޅުވިއެވެ.
މީގެ އިތުރުން މުއިއްޒު ވިދާޅުވީ އެކިއެކި ރަށްރަށުގައި ތަފާތު އެކި ވައުދުތައް މިހާތަނަށް ވެވަޑައިގެންފައިވާ ކަމަށާއި މިއަދު ދެއްވަން އޮތީ އޭނާގެ ސަރުކާރެއްގައި އެ ވައުދުތައް ފުއްދާނެ ކަމުގެ ޔަގީން ކަން ކަމަށެވެ. “ރައްޔިތުންނަށްޓަކައި ކޮށްދޭން ނިންމާފައިވާ ހުރިހާ ކަމެއް މިހާތަނަށް ހިއްސާ ކުރައްވާފައިވާ ކަމަށާއި ދެން ދޭން އޮތީ އެ ކަންކަން ކޮށްދޭނެ ކަމުގެ ޔަގީން ކަން” މުއިއްޒު ވިދާޅުވިއެވެ.
ހުޅުމީދު އާއި ހިތަދޫ ބްރިޖަކުން ގުޅާލުމުގެ ވާހަކަ ތަކުރާރުކުރައްވަމުން މުއިއްޒު ވިދާޅުވީ މިހާރު ވަގުތީ މޮޑަލްއެއް ފެންނަން އޮތަސް ހުޅުދޫ-ހިތަދޫ ބްރިޖް ހަގީގަތަކަށް ހައްދަވައި ދެއްވާނެކަމަށެވެ. އިތުރަށް މުއިއްޒު ވިދާޅުވީއިންތިހާބު ކޮށްދީފިނަމަ ފުރަތަމަ ފަށްޓަވާނީ ގައުމީ މަސައްކަތް ކަމަށާއި އެއަށްވުރެ މުހިއްމުކަމެއް ނެތް ކަމަށެވެ