English Edition
Dhivehi Edition
ރައީސް ސޯލިހް އައްޑޫ ސިޓީއަށް ކުރެއްވި ދަތުރުފުޅެއްގެ ތެރެއިން

ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ވާދަކުރައްވާ އެމްޑީޕީގެ ކެންޑިޑޭޓް ރައީސް އިބްރާހީމް މުހައްމަދު ސޯލިހް އާއި ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު މިއަދު އައްޑޫ ސިޓީއަށް ވަޑައިގެންފިއެވެ.

އިންތިހާބުގައި ވާދަކުރައްވާ ދެ ކެންޑިޑޭޓުންގެ ކެމްޕެއިން ހަރަކާތްތައްވެސް މިއަދު އައްޑޫ ސިޓީގައި ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު ރައީސް ސޯލިހް އައްޑޫ އަށް ވަޑައިގަތީ ރޭ ދަންވަރުގެ ވަގުތެއްގައެވެ. އަދި މިއަދު ހެނދުނު ޑރ.މުއިއްޒު އައްޑޫ ސިޓީއަށް ވަޑައިގެންފައިވާއިރު އޭނާއަށް މަރުހަބާ ދެންނެވުމަށް ޕީޕީއެމް ޕިއެންސީ ކޯލިޝަނުގެ އިތުރުން ޑިމޮކްރެޓްސް އާއި އެހެނިހެން ސިޔާސީ ޕާޓީތަކުގެ މެންބަރުން ވަނީ ނިކުމެފައެވެ.

ރައީސް ސޯލިހް މިއަދު އައްޑޫ ސިޓީގެ ކެމްޕެއިން ޓީމްތަކާއެކު ބައްދަލުވުންތައް ކުރިއަށް ގެންދިއުމަށް ހަަޖެހިފައިވާއިރު އެ މަނިކުފާނު ދެން ވަޑައިގަންނަވާނީ ފުވައްމުލައް ސިޓިއަށެވެ. އެއަށްފަހު ތިނަދޫ އަށް ވެސް ވަޑައިގަތުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން މިއަދު މުއިއްޒުގެ ކެމްޕެއިން ހަރަކާތްތައް އައްޑޫ ސިޓީ ހުރިހާ އަވަށެއްގައިވެސް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާއިރު މިރޭ ހުޅުދޫ މީދޫ އަށް ވަޑައިގަތުމަށްވަނީ ހަމަޖެހިފައެވެ.

ކޮންމެ އިންތިހާބެއްގައިވެސް ކެންޑިޑޭޓުންގެ އެންމެ ބޮޑު ‘ފޯކަސް’ އެއް އަމާޒުވެފައިވާ އެއް ތަނަކީ އައްޑޫ ސިޓީއެވެ. އެހެންކަމުން އެ ސިޓީގައި ކެންޑިޑޭޓުން އަންނަނީ ހާއްސަ އިސްކަމެއް ދީގެން ސިޔާސީ ހަރަކާތްތައް ކުރިއަށް ގެންދަމުންނެވެ.