English Edition
Dhivehi Edition
މުއިއްޒު ތިނަދޫ އަށް ވަޑައިގަތުން /ފޮޓޯ:ޕީޕީއެމް

ގދ،.ތިނަދޫއަކީ ސިޓީއެއް ކަމަށް ބުނެ ސަރުކާރުން “ނަންބޯޑު” ބަދަލުކުރިޔަސް ސިޓީއަކަށް ނުވާ ކަމަށް ޕީއެންސީގެ ކެންޑިޑޭޓް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

މިއަދު ތިނަދޫގައި ބޭއްވި ޖަލްސާގައި މުއިއްޒު ވިދާޅުވީ ޕީއެންސީގެ ވެރިކަމެއްގައި ތިނަދޫ ސިޓީއަކަށް ހައްދަވާނީ އަމަލީ ގޮތުން ކަމަށާ ރައްޔިތުންގެ ކައިރިއަށް އައިސް ކޮށްދޭނެ ކަމަށް ބުނާ ކަންކަން ކޮށްދޭނީ އިހްލާސްތެރިކަމާއެކު ކަމަށެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ކެމްޕެއިނަށް ތިނަދޫއަށް ވަޑައިގެން ތިނަދޫ ސިޓީއަކަށް ހައްދަވާނެކަމަށް މުއިއްޒު ވިދާޅުފައިވާއިރު އެމްޑީޕީގެ ކެންޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހް ވަނީ މިދިޔަ މަހު 30ވަނަ ދުވަހު ތިނަދޫއަށް ސިޓީއެއްގެ ދަރަޖަ ދެއްވާފައެވެ.

މިކަމަށް އިޝާރަތްކުރައްވަމުން މުއިއްޒު ވިދާޅުވީ އެމަނިކުފާނު އެކަން އިއުލާންކުރުމާއެކު ސަރުކާރުން މިހާރު ތިނަދޫ ސިޓީއަކަށް ހަދާފައިވާކަމަށާ އެހެންކަމުން ތިނަދޫ ސިޓީއަށް ‘މަރުހަބާ’ ކިޔާކަމަށެވެ، އެހެންނަމަވެސް ނަން ބޯޑު ބަދަލުކޮށްލުމަކުން ތިނަދޫ ސިޓީއަކަށް ނުވާކަން ފާހަގަކުރައްވަމުން މުއިއްޒު ވިދާޅުވީ އެ ރަށަށް ބޭނުންވާ ތަރައްގީ ގެނެސްދިނުމާއެކު އޭނާގެ ވެރިކަމެއްގައި ތިނަދޫ އަމަލީ ގޮތުން ސިޓީއަކަށް ހައްދަވާނެކަމަށެވެ.

ޕީއެންސީގެ ވެރިކަމެއްގައި ތިނަދޫ އާއި މެދު ދެކޭ ތަސައްވަރު ހާމަކުރައްވަމުން މުއިއްޒު ވަނީ އެ ރަށަށް ގިނަ ވައުދުތަކެއް ވެ ވަޑައިގެންފައެވެ، މި ގޮތުން އެރަށުގެ ހިއްކި ބިމުގެ ލޭންޑް ޔޫސް ޕްލޭން އެކުލަވާލައި އެ ބިމުގައި 1،000 ޔުނިޓުގެ ހައުސިން ޔުނިޓް އެޅުމާއެކު ތިނަދޫގައި ނުހެދި ހުރި ހުރިހާ މަގެއް ރަނގަޅު ފެންވަރަށް ހަދާނެކަމަށް މުއިއްޒު ވިދާޅުވިއެވެ،

ކާޑެއްދޫ އެއާޕޯޓަކީ ފުރިހަމައަށް ތަރައްގީވެފައިވާ އިންޓަނޭޝަނަލް އެއާޕޯޓަކަށް ހަދައި އެރަށާއި ތިނަދޫ ބްރިޖަކުން ގުޅުވާލުމުގެ ވައުދާއެކު މުއިއްޒުވަނީ ޒުވާނުންނަށް ހާއްސަކޮށް ރޭސިން ޓްރެކެއް ހަދައިދޭނެކަމުގ ޔަގީންކަންވެސް ދެއްވާފައެވެ،