English Edition
Dhivehi Edition
ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ނޫރާނީ ސްކޫލުގައި ބެހެެއްޓުނު ފޮށީގެ ވޯޓުގުނުމުގެ މަސައްކަތް ކުރިއަށްދަނީ/ ފޮޓޯ: އޭއޯ ނިއުސް

ސެޕްޓެމްބަރ 30 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓްލުމުގެ ހައްގު ލިބިގެންވާ މީހުންގެ ދާއިމީ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ރޭ އާންމު ކޮށްފިއެވެ. މިލިސްޓު އިލެކްޝަންސް ކޮމިޝަނުގެ ވެބްސައިޓާއި ދިވެހި ސަރުކާރުގެ ގެޒެޓު ގައި މިހާރު ވަނީ އާންމުކޮށްފައެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ވޯޓުދިނުމުގެ ހައްގު 282،803 މީހަކަށް ލިބިގެންވެއެވެ. އީސީގެ ނައިބު ރައީސް އިސްމާއީލް ހަބީބް ވިދާޅުވީ ރީ-ރަޖިސްޓަރީ ކުރަން ހުށަހެޅި ފޯމުތަކާ ގުޅޭގޮތުން ޝަކުވާ ހުށަހަޅަން ހުޅުވާލި 48 ގަޑިއިރުގެ މުއްދަތުގައި 361 ޝަކުވާ އެކޮމިޝަނަށް ލިބިފައިވާ ކަމަށެވެ.

އިލެކްޝަންސް ކޮމިޝަނުން ބުނީ އިންތިހާބުގެ ދެވަނަ ބުރުގައި ރީ-ރަޖިސްޓާ ކުރަން ހުށައެޅި ފޯމްތަކުގެ ތެރެއިން ސައްހަވީ 38،763 ފޯމް ކަމަށެވެ. އަދި ސައްހަކަން ކަށަވަރު ނުވީ 11،284 ފޯމް ކަމަށެވެ. އެ ކޮމިޝަނުން ބުނި ގޮތުގައި މައިގަނޑު ޝަކުވާ ލިބުނީ ސައްހަކަން ކަށަވަރު ނުކުރެވުނު ހުށައެޅުންތަކާއި ގުޅޭގޮތުންނެވެ. އަދި އެމީހާއަށް ނޭނގި އެމީހާގެ ނަމުގައި ސައްހަ ނޫން ފޯމް ހުށައަޅައިގެން ވެސް ބައެއް ޝަކުވާ ލިބުނު ކަމަށް ކޮމިޝަނުން ބުނެއެވެ. ކޮމިޝަނުން ދާއިމީ ލިސްޓު ޢާންމުކޮށްފައިވަނީ ޝަކުވާތައް ޙައްލު ކުރުމަށްފަހު ކަމަށް އިލެކްޝަން ކޮމިޝަނުން ހާމަކުރެއެވެ.

ވޯޓުލުމުގެ ހައްގު ލިބިގެންވާ 282،395 މީހުންގެ ތެރެއިން، މި އިންތިހާބުގެ ފުރަތަމަ ބުރުގައި ވޯޓު ލާފައި ވަނީ 79.6 އިންސައްތަ މީހުންނެވެ. އެއީ 224،786 މީހުންނެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި އެންމެ ގިނަ ވޯޓް ހޯއްދެވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އެވެ. މުއިއްޒަށް ވަނީ 101،635 ވޯޓް ލިބިވަޑައިގެންފަ އެވެ. ދެވަނަ އަށް އެންމެ ގިނަ ވޯޓް ހޯއްދެވި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ލިބިވަޑައިގެންނެވީ 86،161 ވޯޓެވެ.

މިއިންތިހާބުގެ ދެވަނަ ބުރު އޮންނާނީ އަންނަ ހޮނިހިރު ދުވަހު އެވެ.