English Edition
Dhivehi Edition

ރައީސް ނަޝީދު އިސްވެ ހުންނަވައިގެން އުފައްދާފައިވާ ޕާޓީ، ޑިމޮކްރެޓްސް އާއި އެމްޑީޕީ އެކުއެކީ ނޫނީ މުސްތަގުބަލްގެ ކާމިޔާބު ހޯދަން އުނދަގޫވާނެ ކަމަށް ވ.އަތޮޅު ކައުންސިލްގެ ރައީސް ޝުޖާއު އަލީ ވިދާޅުވެއްޖެއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް އެމްޑީޕީގެ ރިޔާސި ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދު ހޯއްދެވުމުގެ ގޮތުން، ވ.އަތޮޅުގައި ޑިމޮކްރެޓުންނާއި އެމްޑީޕީ އެއްކުރުމުގެ މަސައްކަތް ކުރައްވަނީ އޭނާކަމަށް އެކްސްގައި ޖުޝާއު ވަނީ ވިދާޅުވެފައެވެ.

“މި ފެށީ އަތޮޅުގެ އެމްޑީޕީ އަދި ޑިމޮކްރެޓްސްގެ އާންމު މެމްބަރުން އެއްކުރުމުގެ މަސައްކަތް. މިކަން ހިންގަނީ އަޅުގަނޑު،” ޝުޖާއު “އެކްސްގައި ވިދާޅުވެފައިވެއެވެ.

https://x.com/Shuj4uAli/status/1705416402130358585?s=20

ޝުޖާއު ވ.އަތޮޅު ކައުންސިލަށް އިންތިޚާބުވެވަޑައިގަތީ އެމްޑީޕީގެ ޓިކެޓުގައެވެ. ނަމަވެސް އެމްޑީޕީގައި ޚިޔާލުތަފާތުވެ އެޕާޓީގެ އިސް ބައެއް ބޭފުޅުން އުފެއްދެވި ދަ ޑިމޮކްރެޓްސްއާއި ޝުޖާޢު ފަހުން ގުޅިވަޑައިގަތެވެ. އަދި މިހާތަނަށްވެސް ހުންނެވީ ޑިމޮކްރެޓުންނަށް ތާޢީދުކުރެއްވުމުގައެވެ. އަދި މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ޝުޖާއު ހުންނެވީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ތާއީދާއެކު ނުކުންނެވި ޑިމޮކްރެޓްސްގެ ކެންޑިޑޭޓު އިލްޔާސް ލަބީބްގެ ފަހަތުގައެވެ.

ނަމަވެސް ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓުންގެ ކެންޑިޑޭޓް އިލްޔާސް ލަބީބަށް ލިބިވަޑައިގަތީ އިންތިޚާބުގެ ތިންވަނައެވެ. މިއާއެކު ޑިމޮކްރެޓުންގެ ތާޢީދު ހޯއްދެވުމުގެ މަސައްކަތް އެމްޑީޕީއާއި، ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ގެންދަވަނީ ކުރައްވަމުންނެވެ. އަދި އިދިކޮޅު ޕީޕީއެމުން ވެސް ވަނީ ޑިމޮކްރެޓްސްގެ ތާއީދު ހޯދަން މަސައްކަތް ކުރަމުންނެވެ.

ނަމަވެސް ޑިމޮކްރެޓްސް އިން ވަނީ ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި އެއްވެސް ކެންޑިޑޭޓަކަށް ތާއީދު ނުކުރަން ނިންމައިފައެވެ.

ޑިމޮކްރެޓްސް އާއި އެމްޑީޕީ ގުޅުވުމުގެ މަސައްކަތާއި ގުޅޭ ގޮތުން ޝުޖާއު ވިދާޅުވީ ވ. އަތޮޅުގެ ޑިމޮކްރަސީގެ މުސްތަގުބަލް އޮތީ އަތޮޅުގެ އެމްޑީޕީގެ އާންމު މެމްބަރުންނާ އެކުގައި ކަމަށެވެ.

ޝުޖާއުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަދި ދަ ޑިމޮކްރެޓްސްގައި އިސްކޮށް އުޅުއްވާ އީވާ އަބްދުﷲގެ ބައްޕާފުޅު، އަބްދުﷲ މުޙައްމަދު (ދޭލިޔާ)އާއި ޝުޖާއު ވަނީ ވ.އަތޮޅުގައި ޑިމޮކްރެޓްސްގެ ތާޢީދު އެމްޑީޕީއަށް ހޯދުމަށް މަސައްކަތް ފައްޓަވާފައެވެ.