English Edition
Dhivehi Edition

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގައި، ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަން ދެއްވަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ވިދާޅުވެއްޖެއެވެ.

ސަޢޫދީ ޢަރަބިއްޔާގެ 93ވަނަ ޤައުމީ ދުވަހުގެ މުނާޞަބަތުގައި ބޭއްވެވި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވަވައި ވާހަކަފުޅު ދައްކަވަމުން ފައިޞަލް ނަސީމް ވިދާޅުވީ، ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއަކީ، ދީނީގޮތުންނާއި ޘަޤާފީގޮތުން އަދި ތާރީޚީގޮތުންވެސް ގާތްގުޅުންތަކެއް އޮތް ދެ ޤައުމުކަމަށެވެ.

ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާގެ މެދުގައި އޮތް ގާތްގުޅުމުގެ މައްޗަށް އަލިއަޅުއްވައިލައްވައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅުގައި ވިދާޅުވީ، މިހާތަނަށް ދެޤައުމުގެ ގުޅުންތައް ބަދަހިވެ ކުރިއަރައިގެން ގޮސްފައި ވަނީ، ދެޤައުމުގެ އިސްވެރިން ގެންގުޅުއްވި ހަރުދަނާ ސިޔާސަތުތަކުގެ ސަބަބުން ކަމަށެވެ. މިގޮތުން، ދިވެހިންނަށް އީ-ވިސާ އަދި އޮން އެރައިވަލް ވިސާ ދިނުމަށް މިއަހަރު ސަޢޫދީ ސަރުކާރުން ނިންމި ނިންމުމަކީ ދެޤައުމުގެ ގުޅުންތައް އިތުރަށް ބަދަހިކުރުމުގައި ކުރިޔަށް އެޅުނު ވަރަށް މުހިއްމު ފިޔަވަޅެއްކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފާހަގަކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ޒަޢާމަތުގައި، ސަޢޫދީ ޢަރަބިއްޔާއާ ދިވެހިރާއްޖޭގެ ގުޅުން ކުރިއަށް އޮތްތަނުގައި އިތުރަށް ބަދަހިވެގެންދާނޭކަމުގެ ޔަޤީންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ދެއްވާފައެވެ.

މި ރަސްމިއްޔާތުގައި ނައިބް ރައީސް ވަނީ ސަޢޫދީ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދާއި ވަލީއަޙްދު މުޙައްމަދު ބިން ސަލްމާން ބިން ޢަބްދުލްޢަޒީޒް އާލް ސަޢުދާއި ސަޢޫދީ ޢަރަބިއްޔާގެ ސަރުކާރަށާއި ރައްޔިތުންނަށް ދުވަހުގެ ހެޔޮއެދުމާއި ތަހުނިޔާ އަރިސްކުރައްވާފައެވެ.

ދިވެހިރާއްޖެއާ ސަޢޫދީ ޢަރަބިއްޔާއާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައި ވަނީ 17 މާރިޗު 1981 ގައެވެ.