ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމްގެ ސްޕެޝަލް އެންވޯއީ އަދި ރައްޔިތުންގެ މަޖިލީހުގެ ގެމަނަފުށީ ދާއިރާގެ ކުރީގެ މެމްބަރު އިލްހާމް އަހުމަދު އެމްޑީޕީއަށް ސޮއިކުރައްވައިފިއެވެ.
އިލްުހާމް އެމްޑީޕީއަށް ސޮއިކޮށްފައި ވަނީ ރޭ އެމްޑީޕީ މާވެޔޮ މަގު ހުވަދޫ ޖަގަހަައިގައި ކުރިއަށްގެންދިޔަ ޖަލްސާގައެވެ.
އިލްހާމް ސިޔާސީ ދާއިރާއަށް ނިކުމެވަޑައިގަތީ 2009 ވަނަ އަހަރު ޑީއާރްޕީންނެވެ. އިލްހާމް ވަނީ އޭގެ ފަހުން ޕީޕީއެމާއި ގުޅިވަޑައިގެން އެޕާޓީގެ ނާއިބު ރައީސްކަންވެސް ކުރައްވާފައެވެ. އަދި ޖުމްހޫރީ ޕާޓީއާއި 2014 ވަނަ އަހަރު ގުޅިވަޑައިގަތުމަށްފަހު ދަނގެތި ދާއިރާގެ މެންބަރުކަމުގެ ގޮނޑި ކާމިޔާބުކުރައްވާފައިވެއެވެ. އެމްޑީޕީއާއި ގުޅިވަޑައިގަތުމާއި ހަމައަށް ހުންނެވީ ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމްގެ ސްޕެޝަލް އެންވޯއީކަމުގައެވެ.
ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙަށް ތާޢީދުކުރެއްވުމަށް ނިންމަވާ އިލްހާމް ވިދާޅުވެފައިވަނީ މިދިޔަ 5 އަހަރު ކަންކަން ކުރިއަށް ގެންގޮސްފައިވާ ގޮތަށް ބަލާއިރު ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށް އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި އެންމެ ޤާބިލް ބޭފުޅަކީ އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ސާލިޙުކަމަށެވެ.
އިލްހާމް އިތުރަށް ވިދާޅުވީ، އޭނާ ޕީޕީއެމްގައި ހުންނަންވީ ސަބަބެއް ނެތް ކަމަށާއި އަދި އެ ހިތި މާޒީގައި ލިބުނު އަނިޔާތަކާއި، އެ ހިތި މާޒީގައި ފޮޓޯއެއް ކުރަހާލިޔަސް ފެނިގެން ދަނީ ޖަލުގައި ތޭރިތަކުގައި ތިބޭ މަންޒަރު ކަަމަށެވެ. އަދި މިއަދު ޕީޕީއެމް އިން ގޮވަމުން ދަނީ ކޮންމެވެސް ބޭފުޅަކު، ކޮންމެވެސް މީހުންތަކެއް ޖަލަށް ލާ ވާހަކަކަމަށެވެ.
ޤައުމު މިއަދު މިއޮތް ހާލަތަށް ބަލައި، އަނިޔާވެރިކަމާއި ބަދަލުހިފުމުގެ ރޫހު މާޒީން ފެނިފައިވާތީ، އަދި ބަދަލު ހިފުމުގެ ގޮތުން ކަންކަން ކުރާނެކަމަށް މިހާރުވެސް ބުނަމުންދާތީ، އެފަދަ ބަޔަކު ވެރިކަމަށް އައިސްފިނަމަ ނުކުންނާނެ ނަތީޖާއާމެދު ވިސްނައި، ސިޔާސީ ބޭފުޅުންނާއި އަދި އެހެނިހެން ފަރާތްތަކާ މަޝްވަރާކުރުމަށްފަހު، ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާގެ މަޤާމަށް މިވަގުތު އިންތިޚާބު ކުރަން އެންމެ އެކަށޭނެ އަދި ޤާބިލް ބޭފުޅަކީ މިހާރުގެވެސް ރައީސުލް ޖުމްހޫރިއްޔާ އޮނަރަބްލް އިބްރާހީމް މުޙައްމަދު ސޯލިޙުކަމަށް އަޅުގަނޑަށް ފެންނާތީ، ރައީސް އިބްރާހީމް މުޙައްމަދު ސޯލިޙް އަށް ތާއީދުކުރަން އަޅުގަނޑު ނިންމައިފިން.”
އިލްހާމް ވިދާޅުވީ މިދިޔަ ފަސް އަހަރު ޤައުމު ހަލަބޮލި ނުކޮށް، ސުލްހަވެރިކަމާއިއެކު ވެރިކަން ކުރެއްވޭނެކަން ރައީސް ސޯލިޙް ސާބިތުކޮށްދެއްވާފައިވާކަމަށެވެ. އަދި ވާދަވެރި ސިޔާސީ ހަރަކާތްތައް ހިންގަން ފުރުޞަތު ދެއްވައިގެންވެސް ވެރިކަން ކުރެވޭނެކަންވެސް ރައީސް ސާލިހު ދައްކަވައިދެއްވާފައިވާކަމަށްވެސް އިލްހާމް ވިދާޅުވިއެވެ.