ކަރަންޓް ކިތަންމެ ވަރަކަށް ބޭނުންކުރިޔަސް ފީގެ ރޭޓު ބޮޑުނުވާނެ ގޮތަކަށް ފްލެޓް ރޭޓެއް ކަނޑައަޅައި ލުޔެއް ހޯއްދަވައިދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު އެކަން އިއުލާނު ކުރެއްވީ ރޭ މާވެޔޮ މަގުގައި ބޭއްވި ކެންޕޭނު ޖަލްސާގައި ވާހަކަދައްކަވަމުންނެވެ.
އެމްޑީޕީން މާވެޔޮ މަގު ހުވަދޫ ޖަގަހަ ހުޅުވުމަށް ބޭއްވި ކެމްޕެއިން ޖަލްސާގައި ރައީސް ޞާލިހް ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގައި ގޭގެއަށް ހިންގެވުމުން އެންމެ ގިނައިން އިވި ވަޑައިގަންނަވާ ޝަކުވާއަކީ، ލިބޭ މުސާރައިން ބިލުތައް ދައްކާފައި ބާކީ އެއްޗެއް ނޯންނަ ކަމުގެ ޝަކުވާ ކަމަށެވެ. އެގޮތުން ކަރަންޓު ބިލަށް ލުއި ދިނުމަށް ގިނަ ބަޔަކު އެދެމުންދާ ކަމަށާއި ފްލެޓް ރޭޓެއްގައި ކަރަންޓު ފީ ދިނުމަށް ނިންމެވީ އެކަމަށް ލުއި ދިނުމަށް ކަމަށް ރައީސް ވިދާޅުވިއެވެ.
” ލިބޭ އާމްދަނީން ގޭގެ ކުއްޔާއި ކަރަންޓު ބިލު ދެއްކުމަށް ފަހު، އިތުރު ޚަރަދުތައް ދެކޮޅު ނުޖެއްސޭ ކަމުގެ ކަންބޮޑުވުން ރައްޔިތުންގެ ފަރާތުން ލިބިގެން ދިޔަ. ގިނަ ބައެއްގެ އެދުމަކަށް ވީ ކަރަންޓް ބިލަށް ލުޔެއް ހޯދައިދިނުން” ރައީސް ވިދާޅުވިއެވެ.
އެހެންކަމުން ރައްޔިތުންގެ އެކަންބޮޑުވުމަށް ހައްލެއް ގެނައުމުގެ ގޮތުން ކަރަންޓް ރޭޓް ފްލެޓް ރޭޓަކަށް ބަދަލުކުރައްވާ، ކިތަންމެ ގިނައިން ކަރަންޓް ބޭނުންކުރިޔަސް ބިލް ބޮޑުނުވާނެގޮތަށް ހައްދަވަން ނިންމާފައިވާކަމަށް ރައީސް ވިދާޅުވިއެވެ.
“ރޭޓުތައް މިހާރު ކަނޑައަޅާފައިވާ ގޮތުން ވަކި ވަރަކަށް ވުރެން ގިނައިން ބޭނުންކޮށްފިއްޔާ އަގު ބޮޑުވަމުންދޭ. މިކަން ބަދަލުކުރަން ނިންމީ ކިތަންމެ ގިނައިން ބޭނުންކުރިޔަސް ބިލު ބޮޑުނުވާނެ ގޮތަށް” ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިހް ވިދާޅުވިއެވެ.