English Edition
Dhivehi Edition
ރިޔާސީ އިންތިޚާބު2023ގެ ފުރަތަމަ ބުރުގައި ވޯޓުލާ މަރުކަޒެއްގައި އޮފިޝަލަކު ހަރަކާތްތެރިވަނީ. ފޮޓޯ: އޭއޯ ނިއުސް

ސެޕްޓެމްބަރ 30 ވާ ހޮނިހިރު ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި، ރަށްވެހިވެފައިވާ ތަންނޫން އެހެން ތަނަކަށް ވޯޓުލުމަށް އެދި ހުށަހެޅި މީހުންގެ ފޯމު އިވެލުއޭޓްކޮށް ލިސްޓު ޢާންމުކުރުމަށްފަހު ޝަކުވާއަށް ހުޅުވާލައިފިއެވެ.

އެހެންތަނަކަށް ވޯޓު ލުމަށްއެދި އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި 50047 ފޯމުގެ ތެރެއިން މަޢުލޫމާތު ސައްޙަކުރެވުނު ތިރީސް އަށް ހާސް ހަތްސަތޭކަ ފަސްދޮޅަސް ތިން މީހުން އަލުން ރީ-ރަޖިސްޓްރީކޮށްފައިވާ ކަމަށް އެކަމިޝަނުން މަޢުލޫމާތު ދެއްވައެވެ.

ރަށްވެހިވެފައިވާ ތަން ނޫން އެހެންތަނަކަށް ވޯޓުލުމަށް ރީ-ރަޖިސްޓްރޭޝަނަށް އޮންލައިންކޮށް ހުށައެޅީ 26،011 ފޯމެވެ. ކަރުދާސް ފޯމުގެ ގޮތުގައި ހުށައެޅީ 24،036 ފޯމެވެ. އޭގެ ތެރެއިން 11،284 ފޯމުވަނީ އެކި ސަބަބުތަކާއި ގުޅިގެން ޞައްޙަކަން ކަށަވަރު ނުވެއެވެ. އިލެކްޝަންސް ކޮމިޝަންގެ ނާއިބު ރައީސް އިސްމާޢީލް ހަބީބު ވިދާޅުވީ، ފޯމުގެ ޞައްޙަކަން ކަށަވަރު ނުވީ އޮންލައިންކޮށް ހުށައެޅި 5109 ފޯމާއި، ކަރުދާސް ފޯމުގެ ގޮތުގައި ހުށައެޅި 6175 ފޯމުކަމަށެވެ.

ރީ-ރަޖިސްޓްރީ ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ލިސްޓު އެކޮމިޝަންގެ ވެބްސައިޓާއި، ސަރުކާރުގެ ގެޒެޓުގައި ޝާޢިއުކުރައްވާފައެވެ.

ރީ-ރަޖިސްޓްރޭޝަންގެ ލިސްޓު ޢާންމުކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނުން ވަނީ އެ ލިސްޓަށް ޝަކުވާ ހުށައެޅުމަށް 2 ދުވަހުގެ މުއްދަތެއް ދެއްވާފައެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ރޭގަނޑު 09:00 އިން ފެށިގެން ހޮނިހިރު ދުވަހުގެ ރޭގަނޑު 09:00 ގެ ނިޔަލަށް ޝަކުވާ ހުށައެޅުމުގެ ފުރުޞަތު އިލެކްޝަންސް ކޮމިޝަނުން ވަނީ ދެއްވާފައެވެ.

ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓްރީވެފައިވާ ތަން ބެލުމަށް VR ލިއުމަށްފަހު ހުސްތަންކޮޅެއް ދޫކުރައްވާ އައިޑީކާޑު ނަންބަރު ލިޔުމަށްފަހު 1414އަށް އެސްއެމްއެސް ކުރުމުން ނުވަތަ މި ލިންކުން ރަޖިސްޓްރީވެފައިވާތަނާއި ވޯޓުލާ ފޮށީގެ މަޢުލޫމާތު ޗެކްކުރެވޭނެއެވެ.

މި ލިސްޓަށް ހުށަހަޅާ ޝަކުވާ ބަލައިގަންނަނީ “ވޯޓު ދިނުމުގެ ޙައްޤު ލިބިފައިވާ މީހުންގެ ރަޖިސްޓަރީއާ ބެހޭ ޝަކުވާ ހުށަހަޅާ ފޯމު” މެދުވެރިކޮށް ހުށަހަޅާ ޝަކުވާތަކެވެ. ޝަކުވާ ހުށަހަޅާ ފޯމު މި ލިންކުން ނުވަތަ ކޮމިޝަންގެ ވެބްސައިޓުންނާއި ކައުންސިލް އިދާރާތަކުން ލިބެން ހުންނާނެ ކަމަށް އިލެކްޝަން ކޮމިޝަނުން ވިދާޅުވެއެވެ.

ރާއްޖެއިން ބޭރުގައިނަމަ، ފޯމު ދޫކުރުމާއި ބަލައިގަތުމުގެ އިންތިޒާމް ހަމަޖެހިފައިވަނީ ވޯޓު ފޮށި ބެހެއްޓުމަށް އިލެކްޝަންސް ކޮމިޝަނުން އިޢުލާނުކުރެވިފައިވާ ޤައުމުތަކުގައި ހުންނަ ދިވެހިރާއްޖޭގެ ކޮންސިއުލޭޓް އޮފީސްތަކުންނާއި، ދިވެހިރާއްޖޭގެ ހައިކޮމިޝަންތަކުން، ކޮންމެ ދުވަހެއްގެ ހެނދުނު 10:00 އިން މެންދުރުފަހު 03:00 އަށެވެ. މި މުއްދަތުގެ ތެރޭގައި ޝަކުވާހުށަހެޅޭނީ ދެވަނަ ބުރުގައި ވޯޓުލުމަށް ރަޖިސްޓަރީކޮށްފައިވާ ތަން ބަދަލުކުރުމަށް ހުށަހަޅާފައިވާ ތަނުގެ މަޢުލޫމާތާ ގުޅޭ ގޮތުން އެކަނިކަމަށް އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެއެވެ.