English Edition
Dhivehi Edition
ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމް - ފޮޓޯ: މިހާރު

ވ. އާރަށް މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް އިއްވާފައިވާ 11 އަހަރު ދުވަހުގެ ޖަލު ހުކުމްގެ އިސްތިއުނާފުގެ އަޑުއެހުން ހައި ކޯޓުން މިއަދު ކެންސަލް ކޮށްފިއެވެ.

މިއަދު މެންދުރު ފަހަށް ތާވަލްކުރި ރައީސް ޔާމީންގެ ޝަރީއަތް ކެންސަލްކޮށްފައިވަނީ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން އެދިގެންނެވެ. އެހެންނަމަވެސް މި އަޑު އެހުން ކެންސަލްކުރި ސީދާ ސަބަބު ހާމަކޮށްފައެއް ނުވެއެވެ.

ރައީސް ޔާމީންގެ ގާނޫނީ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ އިސް ވަކީލް ޑރ. މުހައްމަދު ޖަމީލް ވިދާޅުވީ އެ އަޑުއެހުން ކެންސަލް ކުރުމަކީ ބޮޑުވެގެންވާ އަނިޔާއެއް ކަމަށާއި އިސްތިއުނާފު ލަސްކުރުމަށް އިންތިޒާމީ ގޮތެއްގައި ރޭވިގެންވާ ގިނަ ކަންތައްތަކެއް ހިމެނޭ ގޮތަށް ކުރާ ކަމެއްކަމަށެވެ.

ވ. އާރަށް ކުއްޔަށް ދިނުމުގައި ރިޝްވަތު ނެންގެވުމާއި މަނީލޯންޑަރިިންގެ ކުށް ސާބިތުވެ 11 އަހަރަށް ޖަލަށް ލުމާއި 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ.