English Edition
Dhivehi Edition

ސެޕްޓެންބަރު 20 ވަނަ ދުވަހުން ފެށިގެން ސިވިލް ކޯޓު ހިންގުން ވަގުތީގޮތުން އެ ކޯޓުގެ ޤާޟީ އަލްއުސްތާޛު ފަރުހާދު ރަޝީދުއާ ޙަވާލުކުރުމަށް ޖުޑީޝަލް ސާވިސް ކޮމިޝަނުން ނިންމައިފިއެވެ.

ސިވިލް ކޯޓު ހިންގުން ފަރުހާދުއާ ހަވާލުކުރައްވާފައި މިވަނީ އެ ކޯޓުގެ އިސް ގާޟީގެ މަގާމުގައި ހުންނެވި ގއ. މާމެންދޫ, ފެހިގެ، އަހްމަދު ނިމާލް (36 އ) އަންގާރަ ދުވަހުގެ ރޭ ކުއްލި ގޮތަކަށް އަވަހާރަވުމާ ގުޅިގެންނެވެ.

ނިމާލް އަވަހާރަވީ ހާޓް އެޓޭކެއް ޖެހިގެން އައިޖީއެމްއެޗަށް ގެންގޮސް ފަރުވާ ދެމުން ދަނިކޮށް ކަމަށް އެނގިފައިވެއެވެ.

ސިވިލް ކޯޓުގެ ފަނޑިޔާރު ކަމަށް ނިމާލު އައްޔަނުކޮށްފައި ވަނީ 2022ވަނަ އަހަރުގެ މާޗްމަހުގެ ތެރޭގައެވެ. އަދި, އެ ކޯޓުގެ އިސް ފަނޑިޔާރު ކަމުގެ މަސްއޫލިއްޔަތުތައް އޭނާއާ ހަވާލުކޮށްފައި ވަނީ 2022ވަނަ އަހަރުގެ އޯގަސްޓްމަހުގެ 22ވަނަ ދުވަހުއެވެ. އެއަށްފަހު އިސް ގާޒީގެ މަގާމަށް އައްޔަންކޮށް ފަތްކޮޅު ހަވާލު ކުރީ މިއަހަރުގެ މެއިމަހުގެ 9ވަނަ ދުވަހުއެވެ. ނިމާލް އިސްގާޒީ ކަމަށް އައްޔަންކުރެއްވީ ކުރިން އެ މަގާމުގައި ހުންނެވި އަބްދުﷲ އަލީ ރިޓަޔާކުރެއްވުމުންނެވެ.

ނިމާލް ބެޗެލާސް އޮފް ލޯ އިން ޝަރީއާ ހާސިލުކުރައްވާފައިވަނީ ވިލާ ކޮލެޖުންނެވެ.