މިހާރު ކުރިއަށްދާ 19 ވަނަ ރައްޔިތުންގެ މަޖިލީހުގެ އައު މައިނޯރިޓީ އަކީ ދަ ޑިމޮކްރެޓްސްކަން ރަސްމީކޮށް އިއުލާނުކޮށްފިއެވެ.
19 ވަނަ ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އެމްޑީޕީއަށް އޮތް އިރު މަޖިލިހުގެ މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މީގެ ކުރިން އޮތީ ޕީޕީއެމް އެވެ. އެހެންނަމަވެސް މިއަދުގެ ޖަލްސާގައި ރިޔާސަތުން އަންގަވާއެންގެވުން އިއުލާނުކުރައްވަމުން ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދުވަނީ މަޖިލިހުގެ އައު މައިނޯރިޓީ އަކީ ދަ ޑިމޮކްރެޓްސްކަން ރަސްމީކޮށް އިއުލާނުކޮށްފައެވެ.
އެމްޑީޕީގެ 56 މެންބަރުންނާއެކު، މަޖިލީހުގެ މެޖޯރިޓީ އޮތީ ވެރިކަން ކުރާ ކޯލިޝަންގެ މައި ޕާޓީގެ ގޮތުގައި އޮތް އެމްޑީޕީއަށެވެ. މައިނޯރިޓީ ޕާޓީއެއްގެ ގޮތުގައި މީގެ ކުރިން އޮތީ ޕީޕީއެމް އެވެ. އެއީ ފަސް މެންބަރުންނާއެކުއެވެ.
މަޖިލީހުގެ މައިނޯރިޓީ ދަ ޑިމޮކްރެޓްސް އަށް ލިބިފައި މިވަނީ، މަޖިލީހުގެ މެޖޯރިޓީގެ ގޮތުގައި އޮތް މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ މެމްބަރުންގެ ގޮތުގައި ތިއްބެވި 10 މެމްބަރަކު އެ ޕާޓީން ވަކިވެވަޑައިގެން، ވަކި ޕާޓީއަކަށް ނިސްބަތްވެ ވަޑައިނުގަންނަވާ މެމްބަރުންގެ ގޮތުގައި ތިއްބެވުމަށްފަހު، ރަސްމީކޮށް ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި ކަނޑައެޅިގެން ދިއުމާއެކުއެވެ.
ދަ ޑިމޮކްރެޓްސްގެ މެމްބަރުންގެ ގޮތުގައި ތިއްބެވީ، ހެންވެއިރު ހުޅަނގު ދާއިރާގެ މެމްބަރު އަދި ދަ ޑިމޮކްރެޓްސްގެ އިންޓެރިމް ޗެއާޕާސަން ހަސަން ލަތީފް، ގަލޮޅު އުތުރު ދާއިރާގެ މެމްބަރު އަދި މަޖިލީހުގެ ނައިބުރައީސް އީވާ އަބްދުﷲ، މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު، މައްޗަންގޮޅި މެދު ދާއިރާގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު، މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު، އުނގޫފާރު ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު (ވައްޑޭ)، ވިލިފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް، ގައްދޫ ދާއިރާގެ މެމްބަރު އަހްމަދު ޒާހިރު، ހުޅުދޫ ދާއިރާގެ މެމްބަރު އަދި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޑިމޮކްރެޓްސްގެ ފަރާތުން ވާދަކުރެއްވި ކެންޑިޑޭޓު އިލްޔާސް ލަބީބު އަދި ހިތަދޫ މެދު ދާއިރާގެ މެމްބަރު އަހްމަދު ރަޝީދެވެ.
މަޖިލީހުގެ މައިނޯރިޓީ ނުވަތަ ދެވަނައަށް އެންމެ މެމްބަރުން ގިނަ ޕާޓީގެ ގޮތުގައި ދަ ޑިމޮކްރެޓްސް ރަސްމީކޮށް އިއުލާނުކުރެވިގެންދިޔައިރު، މަޖިލީހުގެ މައިނޯރިޓީ ލީޑަރަކީ، ދަ ޑިމޮކްރެޓްސްގެ ޕާލިމެންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ މެދު ހެންވޭރު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.