English Edition
Dhivehi Edition

ސެޕްޓެމްބަރ މަހުގެ 30 ވަނަ ދުވަހު އޮންނަ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރަށް ރީ ރަޖިސްޓްރޭޝަނަށް ގިނަ އަދަދެއްގެ ފޯމްތަކެއް ހުށަހަޅާފައިވާ ކަމަށާއި މަސައްކަތްކުރަމުންދަނީ ހުރިހާ ފޯމުތައް އަންގާރަ ދުވަހުގެ ނިޔަލަށް ރަޖިސްޓަރކޮށް ނިންމުމަށް ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)އިން ހާމަކޮށްފިއެވެ.

އީސީން ބުނީ ދެވަނަ ބުރުގައި ވޯޓުލުމަށް ރީރަޖިސްޓްރޭޝަނަށް ހުށަހެޅި 47،000 ފޯމުގެ ތެރެއިން ހޯމަ ދުވަހުގެ ރޭ 8 ޖެހުމާ ހަމައަށް ރަޖިސްޓްރީ ނުކުރެވި ބާކީ ހުރީ ގާތްގަނޑަކަށް 16،000 އަދިވެސް އެބަހުރި ކަމަށެވެ. އަދި 19،000ށް ވުރެ ގިނަ ފޯމު ވަނީ އާދިއްތަ ދުވަހުގެ ނިޔަލަށް، ރަޖިސްޓަރީ ކޮށްދެވިފައިކަމަށް ވެސް އީސީން ބުނެއެވެ.

ރީ ރަޖިސްޓްރޭޝަނާއި ބެހޭ ގޮތުން އިތުރަށް މައުލޫމާތު ދެއްވަމުން އީސީން ބުނެފައިވަނީ ރީ-ރަޖިސްޓްރީ ކުރަން ހުށަހަޅާފައިވާ ބައެއް ފަރާތްތަކުން، ހުށަހެޅި ފޯމު ޕެންޑިންގގައި އިންނާތީ، އަލުން ފިޒިކަލް ފޯމު ލާފައިވާ ކަމަށެވެ.

އީސީން ބުނެފައިވާ ގޮތުގައި ރީ-ރަޖިސްޓަރީ ކުރަން އެންމެ ގިނަ ފޯމު ހުށަހަޅާފައިވަނީ، ދެ ކެންޑިޑޭޓުން ނިސްބަތްވާ ދެ ޕާޓީންނެވެ. އެއީ އެމްޑީޕީގެ ކެންޑިޑޭޓު އިބްރާހީމް މުޙައްމަދު ސާލިޙާއި، ޕީއެންސީގެ ކެންޑިޑޭޓު ޑރ މުޙައްމަދު މުއިއްޒެވެ.

ރީރަޖިސްޓްރޭޝަނަށް ހުށަހަޅާފައިވާ ފޯމުތަކުގެ ސައްހަކަން ކަށަވަރުވިހާ އަވަހަކަށް ރީ-ރަޖިސްޓަރީ ކުރި އެންމެންގެ ލިސްޓު އިލެކްޝަންސް ކޮމިޝަނުން ޝަކުވާއަށް ހުޅުވާލާނެކަމަށާއި އަދި އެ ލިސްޓު ސަރުކާރުގެ ގެޒެޓްގައި ޝާއިއުކޮށް، އިލެކްޝަންސް ކޮމިޝަންގެ ވެބްސައިޓުގައި ޢާންމުކުރުމުގެ އިތުރުން، ކެންޑިޑޭޓުންނާއި، ކެންޑިޑޭޓުން ނިސްބަތްވާ ޕާޓީތަކާ ޙިއްޞާ ކުރާނެކަމަށްވެސް އީސީން މައުލޫމާތު ދެއެވެ.