English Edition
Dhivehi Edition

މިމަހު ފަނަރައިގައި ޗައިނާގައި ފެށުމަށް ހަމަޖެހިފައިވާ “ސައުތު އޭޝިއަން ރޯވިން ކޯސްޓަލް ކޮމްޕެޓިޝަން” ގައި ރާއްޖެއިން ބައިވެރިވާ ގައުމީޓީމް މިމަހު 12 ގައި ޗައިނާއަށް ފުރާނެއެވެ.

ރޯވިން އެސޯސިއޭޝަން އޮފް މޯލްޑިވްސްގެ ރައީސް އަހުމަދު ހަބީބު ވިދާޅުވީ މުބާރާތް އޮންނާނީ މި މަހުގެ 15-17 އަށް ކަމަށެވެ. ރާއްޖެއިން މިމުބާރާތުގައި ބައިވެރިވާ ޓީމުގައި ޖުމްލަ 11 މީހުން ހިމެނެއެވެ. އެއީ ދެ އޮފިޝަނުންނާއި 9 އެތުލީޓެކެވެ. އެއީ ފަސް ފިރިހެން ކުދިންނާއި 4 އަންހެނުން ކުދިންނެވެ. އެޓީމް މިހާރުދަނީ މުބާރާތަށް ފުރުމަށް ތައްޔާރުވަމުންނެވެ.

މި މުބާރާތުގައި ރާއްޖެއިން ވާދަކުރާނީ ސީނިއާކެޓަގަރީގައެވެ. މިއީ ސައުތު އޭޝިއާގައި ބާއްވާ ރޯއިންގެ ފުރަތަމަ ކޯސްޓަލް މުބާރާތެވެ.

ހަބީބު ވިދާޅުވީ ރޯވިންއެސޯސިއޭޝަނަށް މިހާތަނަށް ލިބިފައިވާ ކުރިއެރުމާއި ލިބެމުން އަންނަ ކުރިއެރުމަކީ ސަރުކާރާއި ސްޕޯޓްސް މިނިސްޓްރީގެ ވަރަށްބޮޑެތި އެހީތެރިކަމެއް ލިބިގެން ހޯދައިފައިވާ ކުރިއެރުމެއް ކަމަށެވެ.

 

މި މުބާރާތަށްވެސް ރާއްޖޭގެ ރޯވިންޓީމް ދަނީ ޔޫތު މިނިސްޓްރީ އާއި އޮލިމްޕިކް ކޮމިޓީ އާއި އައްޑޫ ސިޓީ ކައުންސިލާއި، ހިތަދޫގައި ހިންގާ ސުވާދިވް ކެފޭގެ ވަރަށް ބޮޑު އެހީތެރިކަމަކާ އެކުގައި ކަމަށެވެ.

މުބާރާތުގައި ބައިވެރިވާ އެތުލީޓުންނަށް ޖާޒީ ހަވާލުކުރުން އަންނަ ހަފްތާގައި އޮންނާނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

ހަބީބު ވިދާޅުވީ ރާއްޖޭގައި ރޯވިން ކުރިއެރުވުމަށް އަދުގެ ސަރުކާރުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްޓަކައި ރައީސް ޔާމީނަށާއި ސްޕޯޓްސް މިނިސްޓަރ އިރުތިޝާމް އާދަމަށް ޝުކުރު އަދާކުރައްވާ ކަމަށެވެ.