English Edition
Dhivehi Edition

ފަހު ހާފުގައި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ކުޅެން އަރައި، ގޯލްތައް ޖަހައި މޮޅުވާނެ ކަމަށް އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް، ރައީސް އިބްރާހިމް މުހައްމަދު ސާލިހް ވިދާޅުވެއްޖެއެވެ.

އެމްޑީޕީ، އަދާލަތު ޕާޓީ އަދި އެމްޑީއޭ ގުޅިގެން މާލޭގެ ސޯސަން ޖަގަހައިގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ މި މަހުގެ 9 ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިހާބަކީ ފައިނަލް މެޗެއްގެ ފުރަތަމަ ހާފް ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ އެ މެޗުގެ ފުރަތަމަ ހާފުގައި އިދިކޮޅުން ކުރީގައި އޮތީ 3-1 ގެ ނަތީޖާއަކުން ކަމަށާއި އެމްޑީޕީ އާއި ގުޅިފައިވާ ޕާޓީތަކުން ދެވަނަ ހާފުގައި ކުޅެން އަރާނީ ވަރަށް ބޮޑަށް ރާވައިގެން ކަމަށެވެ. އަދި ދެވަނަ ހާފުގައި އިދިކޮޅަށް ގޯލު ޖަހައި، މެޗު ނިންމައިލާނީ 5-3 ގެ ނަތީޖާ އިން ކަމަށް ވެސް ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސާލިހު ވިދާޅުވީ ޗޭންޖިންގ ރޫމަށް ވަދެ، ދެވަނަ ހާފް ކުޅޭނެ ގޮތް ވަރަށް ބޮޑަށް މިހާތުވަނީ ރާވާލާފައި ކަމަށާއި ބައެއް މަގާމުތަކަށް ކުޅޭ މީހުން ވެސް ބަދަލުކޮށްފައިވާ ކަމަށެވެ. އަދި އެމްޑީޕީ އާއި އަދާލަތާއި އެމްޑީއޭ އިން ނެރެފައިވަނީ ބުންވަރު ހުރި މީހުން ކަމަށް ވެސް ވިދާޅުވިއެވެ.

މުޅި ޓީމު އިތީ އެޓޭކިންގ މޯޑެއްގައި ކަމަށާއި ގޯލަކަށް ފަހު ގޯލެއް ޖަހައި، މެޗު ކާމިޔާބު ކުރައްވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ސެޕްޓެމްބަރު 9 ގައި ބޭއްވި ރިޔާސީ އިންތިހާބުގައި ފަރުވާ ކުޑަ ކުރެވިފައި ހުރި ކަންކަން އެބަހުރި ކަމަށާއި ފުރަތަމަ ހާފް ގެއްލުނީ އެހެންވެ ކަމަށް ވެސް ވިދާޅުވިއެވެ.