English Edition
Dhivehi Edition

ވެރިކަން ކުރާ މައިޕާޓީ އެމްޑީޕީއިން 20000 ރުފިޔާގެެ މަގުން އައިޑީ ކާޑްތަކެއް ގަންނަމުންދާ ކަމަށް ބުނެ، ދެކެވެމުން ދާ ވާހަކަތައް އެމްޑީޕީގެ ސްޕޯކްސްޕާސަން އަނަސް އަބްދުލް ސައްތާރު ދޮގުކޮށްްފިއެވެ.

ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ވޯޓާއި ދިމާކޮށް އެމްޑީޕީ އިން އައިޑީކާޑަކަށް 20000 ރުފިޔާގެ މަގުން ގަންނަމުންދާ ކަމަށް ބުނެ މީގެ އެއްދުވަސް ކުރިން ރާއްޖޭގެ އޮންލައިން ނޫހަކުން ވަނީ ޚަބަރުފަތުރާފައެވެ.

އެ އޮންލައިން ނޫހުގައި ޝާއިރުކޮށްފައިވާ މި ހަބަރަށް ރައްދު ދެއްވައި، އަނަސް ކުރެއްވި ޓުވީޓެއްގަައި ވިދާޅުވެފައިވަނީ، އެމްޑީޕީން އެއްވެސް ރައްޔިތެއްގެ އަތުން 20000 ރުފިޔާ ދީފައި އައިޑީ ކާޑު ގަންނަމުން ނުދާކަމަށެވެ.

އަދި އެ ޚަބަރަކީ އެ ފަރާތްތަކުން ސިލްސިލާކޮށް ފަތުރަމުންގެންދާ ދޮގު ވާހަކަތަކުގެ ތެރެއިން ވާހަކެއް ކަމަށް ވެސް އަނަސް ވިދާޅުވިއެވެ.

ވެރިކަން ކުރާ އެމްޑީޕީއިން އައިޑީ ކާޑްތަކެއް ގަންނަމުންދާ ކަމަށް ބުނެ، އޮންލައިން ނޫހަކުން ޝާއިއުކޮށްފައިވާ ހަބަރަށް ބަލާއިރު، އެ ޚަބަރުގައި ބުނެފައިވަނީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި ޕީޕީއެމް ޕީއެންސީ ކެންޑިޑޭޓު ޑރ.މުޙައްމަދު މުޢިއްޒަށް ވޯޓުލާނެ ކަމަށް ބެލެވޭ މީހުންގެ އަތުން 20000 ރުފިޔާގެ މަގުން އައިޑީ ކާޑު ގަތުމުގެ މަސައްކަތް އެމްޑީޕީން ފަށާފައިވާކަމަށެވެ.

އަދި އައިޑީކާޑު ގަތުމުގެ މަސައްކަތް ކުރުމުގައި އެންމެ އިސްކޮށް ހަރަކާތްތެރިވަމުން އަންނަނީ ދާއިރާތަކުގެ މަޖިލިސް މެމްބަރުން ކަމަށްވެސް އެ ޚަބަރުގައި ވަނީ ބުނެފައެވެ.

ނަމަވެސް މި ޚަބަރު އާންމުވުމާއި އެކު އެމްޑީޕީން ވަނީ މި ކަން ދޮގުކޮށްފައެވެ.