އިންޑިއާ އިން ދިވެހި ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މުނޫ މަހާވަރާ އާއި ވަރަށް ކުއްލި ގޮތަކަށް ރައީސް މުޙައްމަދު ނަޝީދު ވަނީ މިރޭ ބައްދަލު ކުރައްވާފަ އެވެ. އެ ބައްދަލުވުން އޮތީ ސަފީރު ދިރިއުޅުއްވާ ގެކޮޅު، ހުޅުމާލެ އަމީން އެވެނިއުގައެވެ.
ގަޑިއެއްހާ އިރުގެ އެ ބައްދަލުވުން ނިންމެވުމަށްފަހު ކާރުކޮޅަށް އަރާ ވަޑައިގަންނަވަނިކޮށް ނޫސްވެރިން ކުރި ސުވާލަށް ޖަވާބު ދެއްވަމުން ރައީސް ނަޝީދު ވިދާޅުވީ ރާއްޖޭގައި ތިއްބަވާ ބޭރުގެ ސަފީރުންނާ އެމަނިކުފާނު އަބަދުވެސް ބައްދަލު ކުރައްވާ ކަމަށާއި އެގޮތުން އިންޑިއާ ސަފީރާ އެކު ބޭއްވި ބައްދަލުވުމުގައި ރާއްޖޭގެ ސިޔާސީ މަސްރަޙާއި ގުޅޭ ގޮތުން ވާހަކަ ނުދައްކަވާ ކަމަށެވެ.
ނަޝީދު ވިދާޅުވީ ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގައި އެމްޑީޕީއާއެކު ވެސް ކޯލިޝަން ހެދުމުގެ ފުރުސަތު އެބައޮތް ކަމަށާއި ދެ ޕާޓީއާއެކު ވެސް މަޝްވަރާ ކުރައްވާނެ ކަމަށެވެ.
“ދެ ޕާޓީއާ އެކު ވެސް ކުރިއަށް ދިއުމަށް އަޅުގަނޑުމެންގެ ފަރާތުން އިލްޔާސް އެބަ މަޝްވަރާ ކުރައްވާ ދެއްތޯ،” ނަޝީދު ވިދާޅުވި އެވެ
ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ މަޝްވަރާތައް ޕާޓީތަކުން ކުރަމުންދާ މި ދަނޑިވަޅުގައި ވެރިކަން ކުރާ އެމްޑީޕީއަށް ލިބުނު ހީނުކުރާވަރުގެ ނަތީޖާއެކު އެޕާޓީންވެސް ދެވަނަ ބުރުގައި ރައީސް ނަޝީދުގެ ތާއީދު ހޯއްދެވުމަށް އަންނަނީ މަސައްކަތް ކުރަމުންނެވެ. ރައީސް ނަޝީދުގެ ތާއީދު ލިބޭނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ވެސް މީގެ ކުރިން ވަނީ ވިދާޅުވެފަ އެވެ.
ރައީސް ސޯލިހު ފަހަތަށް އަރައިފާނަންތޯ ކުރި ސުވާލަށް ޖަވާބު ދެއްވަމުން ނަޝީދު ވިދާޅުވީ، އެކަމުގެ މަޝްވަރާވެސް ކުރެވެމުން އަންނަ ކަމަށެވެ.
” ކުރިއަށް އެބަދޭ އިރާދަކުރެއްވިއްޔާ ރަނގަޅުގޮތެއް ނިންމާނަން،” ދެން ދެ ޕާޓީއާ ވެސް ވާހަކަ ދައްކަމުން އެދަނީ. އަޅުގަނޑަށް ހީވާ ގޮތުގައި ތިބޭފުޅުންނަށް ހިތްހަމަޖެހޭ ގޮތަކަށް އެކަންވާނީ. އެއްގޮތަކަށް ވެސް ކަންބޮޑުވެލައްވާނެ ކަމެއް ނެތް. ކަންބޮޑުވެއްޖިއްޔާ އަޅުގަނޑަށް ހީވަނީ ގޯސްހެން ވާނީ. އަޅުގަނޑު ރަނގަޅަށް ހަދާނީ. އަޅުގަނޑު ގޯސްކޮށް ނުހަދާނަން.” ރައީސް ނަޝީދު ވިދާޅުވިއެވެ.
ރިޔާސީ އިންތިހާބުގައި ތިން ވަނައަށް އެންމެ ގިނަ ވޯޓު ހޯއްދެވީ ރައީސް ނަޝީދު އިސްވެ ހުންނަވާ އުފެއްދެވި ދަ ޑިމޮކްރެޓްސްގެ ރިޔާސީ ކެންޑިޑޭޓް އިލްޔާސް ލަބީބެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ 15839 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ 7 ޕަސެންޓެވެ. އިންތިޚާބުގެ ދެވަނަ ބުރުގައި ކިންގްމޭކަރެއްގެ ގޮތުގައި ޑިމޮކްރެޓްސްގެ ބޭނުން އެމްޑީޕީ އަދި ޕީއެންސީ އަށް ވެސް ބޮޑެވެ. ޚާއްސަކޮށް އެމްޑީޕީން މިހާރު ދަނީ އެ ޕާޓީން ވަކިވި މެންބަރުންނާއެކު އޮތް ދަ ޑިމޮކްރެޓްސްގެ ތާއީދު ހޯދުމަށް ވަރަށް ބޮޑަށް މަސައްކަތް ކުރަމުންނެވެ. އެގޮތުން ސަރުކާރުންވަނީ މަޖިލީހުގެ ރައީސް ކަމުން ނަޝީދާއި އީވާ ދުރުކުރުމަށް މިދިޔަ ޖޫން މަހު އެމްޑީޕީން ހުށަހެޅި އިތުބާރު ނެތް ކަމުގެ މައްސަލަ ވެސް އަނބުރާ ގެންގޮސްފަ އެވެ.