English Edition
Dhivehi Edition

މިދިޔަ ހުކުރު ދުވަހުގެ ރޭ މޮރޮކޯއަށް އައި ބިންހެލުމާއި ގުޅިގެން 2،000 އަށް ވުރެ ގިނަ މީހުން މަރުވެ އެތައް ހާސްބަޔަކު ވަނީ ޒަޚަމްވެފައެވެ. އަދި އެތައް ހާސްބަަޔަކު ވަނީ ގެދޮރު ގެއްލި ހާލުގައި ޖެހި މަގުމަތިވެފައެވެ.

މޮރޮކޯއަށް އައި މި ފަނާކުރަނިވި ބިންހެލުމާ ގުޅިގެން ޒަޚަމްވެ މޮރޮކޯގެ ހޮސްޕިޓަލް ތަކުގައި އެނދުމަތި ވެފައި ތިބި ބަލިމީހުންނަށް އެގައުމުގެ ގައުމީ ފުޓްބޯޅަ ޓީމުގެ މެމްބަރުން ވަނީ ލޭ ހަދިޔާކޮށްފައެވެ.

އެޓްލާސް ލަޔަންސް އިން ވަނީ ބިންހެލުމުގެ އަސަރު ކުރި މީހުންނަށް ލޭ ހަދިޔާކުރުމުގެ ޕްރޮގްރާމެއް ފަށާފައެވެ. އެގޮތުން މޮރޮކޯގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އަންނަނީ ބަލިމީހުންނަށް ލޭ ހަދިޔާކުރުމުގެ މަސައްކަތް ކުރަމުންނެވެ. ސޯޝަލް މީޑިއާގައި އާންމުކޮށްފައިވާ ވީޑިއޯތަކުން މޮރޮކޯގެ ޓީމު ކުޅުންތެރިން ލޭ ހަދިޔާ ކުރާ މަންޒަރުތައް ވަނީ ދުނިޔެއަށް ދައްކާލާފައެވެ.

މޮރޮކޯއަށް އައި ބިންހެލުމުގެ އަސަރު ކުރި އެ ގައުމުގެ މީހުންނަށް ހަމްދަރުދީއާއި އެހީތެރިކަމުގެ މެސެޖުތައް އޮހެމުންދާއިރު، މޮރޮކޯގެ ފުޓްބޯޅަ އެސޯސިއޭޝަންގެ ވެބްސައިޓުން ރިޕޯޓްކޮށްފައިވާ ގޮތުގައި ގައުމީ ޓީމުގެ މެމްބަރުން ވަނީ ޒަޚަމްވެ ހޮސްޕިޓަލުގައި ފަރުވާދެމުން އަންނަ މީހުންނަށް އެހީތެރިވުމުގެ ގޮތުން ލޭ ހަދިޔާކޮށްފަ އެވެ. ހުރިހާ ކުޅުންތެރިންވެސް ލޭ ހަދިޔާކުރަމުން ދަނީ މޮރޮކޯ ގައުމީ ތީމުގެ ޖާޒީގައެވެ.

މޮރޮކޯ ގައުމީ ޓީމުގެ އިންސްޓަގްރާމް އެކައުންޓުގައި އާންމުކޮށްފައިވާ ބައެއް ވީޑިއޯތަކުން ފެންނަ ގޮތުގައި މޮރޮކޯގެ ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ކީޕަރު ޔާސީން ބޯނޫ އާއި ގައުމީ ޓީމުގެ ކޯޗު ވަލީދު ރެގްރާގީ ވަނީ ލޭ ހަދިޔާ ކޮށްފައެވެ.

މޮރޮކޯ ގައުމީ ފުޓްބޯޅަ ޓީމުގެ ކުޅުންތެރިން އެގައުމުގެ ރައްޔިތުންނަށް ލޭ ދަހިޔާކުރުމުގައި އެއްބައިވަންތަކަމާއި އެކު ހަމްދަރުދީވެ ނަމޫނާ ދައްކަމުން އަންނައިރު، ޑިފެންޑަރު އަސްރަފް ހަކީމީ ވަނީ ބިންހެލުމުގައި ޝިކާރައަކަށް ވެފައިވާ މޮރޮކޯ މީހުންނަށް ހަމްދަރުދީވުން އިތުރު ކުރުމަށް މުޅި ދުނިޔެއަށް ގޮވާލާފައެވެ. އެގޮތުން ހަކީމީ ބުނީ އެމީހުން މިދަނީ އުނދަގޫ ދަނޑިވަޅެއް ތަހައްމަލު ކުރަމުންކަމަށާއި މިއީ ވީހާވެސް ގިނަ މީހުންގެ ފުރާނަ ސަލާމަތް ކުރުމަށް އެކަކު އަނެކަކަށް އެހީތެރިވާންވީ ވަގުތުކަމަށެވެ. އަދި މި ބިންހެލުމުގައި ގެއްލި ދިޔަ އާއިލާތަކަށް ތައުޒިޔާ ކިޔާކަމަށް ވެސް ހަކީމީ ވަނީ ބުނެފައެވެ.

މި ބިންހެލުމާއި ގުޅިގެން އެތައްހާސް ބަޔަކު ހާލުގައި ޖެހިފައިވާއިރު، މޮރޮކޯގެ ގިނަ ރައްޔިތުން މިވަގުތު ތިބީ މަގުމަތިވެފައެވެ. ވަންނާނޭ ގެދޮރެއް ނެތިފައެވެ. ބިންހެލުމުގައި ސުންނާފަތިވި އިމާރާތްތަކުގެ ދަށުގައި އެތައް ބަޔަކު ތާށިވެފައިވާކަމަށް ޚަބަރުތައް ބުނާއިރު، މޮރޮކޯގެ އަސްކަރިއްޔާއިން އަންނަނީ އިމާރާތްތަކުހެ ދަށުގައި ތާށިވެފައިވާ މީހުން ސަލާމަތް ކުރމުގެ މަސައްކަތް ކުރަމުންނެވެ.

ރިޕޯޓުތައް ބުނާ ގޮތުން މޮރޮކޯގެ މާރާކޭޝް ސިޓީގެ ހުޅަނގު ދެކުނަށް ރިކްޓަރ މިންގަނޑުން 6.8 ގެ ބާރުމިނުގައި އައި މި ބިންހެލުމުގައި މިހާތަނަށް 2،012 މީހުން ވަނީ މަރުވެފައެވެ. މިއީ މޮރޮކޯގެ ތާރީޚުގައި އެގައުމަށް އައި އެންމެ ބާރުގަ ބިންހެލުމެވެ.