English Edition
Dhivehi Edition

ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީން ހޯދި ކާމިޔާބީ ފާހަގަ ކުރުމުގެ ގޮތުން “ޝުކުރިއްޔާ ދިވެހިން” ގެ ނަމުގައި އެ ދެ ޕާޓީން ރެލީއެއް ބާއްވަން ނިންމައިފިއެވެ.

މިރޭ 8:45 ގައި އާޓިފިޝަލް ބީޗުގައި ބާއްވާ މި ރެލީއަކީ ރިޔާސީ އިންތިހާބުގައި ލިބުނު ނަތީޖާއަކީ ކާމިޔާބީއެއް ގޮތުގައި ފާހަގަ ކުރުމަށް ޕީޕީއެމް/ޕީއެންސީން ދެކެއެވެ.

އިލެކްޝަންސް ކޮމިޝަނުގެ ވަގުތީ ނަތީޖާ ދައްކާގޮތުން އިންތިޚާބުން އެންމެ ގިނަ ވޯޓު ހޯދެއްވީ ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓް ޑރ.މުޙައްމަދު މުޢިއްޒެވެ. އެމަނިކުފާނު ވަނީ 101635 ވޯޓު ހޯދަވައި އިންތިޚާބުގެ %46.06 ހޯއްދަވާފައެވެ. ޑރ.މުޢިއްޒާއި އެންމެ ކައިރިން ވާދަކުރައްވާފައިވަނީ އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މިގޮތުން މި އިންތިޚާބުގައި އެމްޑީޕީގެ ކެންޑިޑޭޓް ރައީސް ޞާލިޙްއަށް ލިބިވަޑައިގެންނެވީ 86161 ވޯޓެވެ. އެއީ ވޯޓު ލި މީހުންގެ ތެރެއިން %39.05 މީހުންގެ ވޯޓެވެ.

އިލެކްޝަންސް ކޮމިޝަނުން އާއްމުކުރައްވާފައިވާ ވަގުތީ ނަތީޖާ ދައްކާގޮތުން ތިންވަނައަށް އެންމެ ގިނަ ވޯޓު ލިބިވަޑައިގެންފައިވަނީ ދަ ޑިމޮކްރެޓްސްގެ ކެންޑިޑޭޓް އިލްޔާސް ލަބީބްއަށެވެ. އިލްޔާސަށް ލިބިވަޑައިގެންނެވީ ވޯޓުލި މީހުންގެ %7.18 އެވެ. އެއީ 15839 ވޯޓެވެ. އަމިއްލަ ގޮތުން އިންތިޚާބުގައި ވާދަކުރެއްވި އުމާރު ނަޞީރަށް ލިބިވަޑައިގެންނެވީ 6343 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %2.87އެވެ.

މި އިންތިޚާބުގައިޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓް ޤާސިމް އިބްރާހީމަށް ލިބިވަޑައިގަތީ 5460 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %2.47އެވެ. އަދި ަމިއްލަގޮތުން ވާދަކުރެއްވި އަޙްމަދު ފާރިސް މައުމޫނަށް ލިބިވަޑައިގަތީ 2979 ވޯޓެވެ. އެއީ %1.35 އެވެ. އެމްއެންޕީގެ ކެންޑިޑޭޓް މުޙައްމަދު ނާޒިމަށް ލިބިވަޑައިގަތީ ވޯޓުލީ މީހުންގެ %0.86 ވޯޓެވެ. އެއީ 1907 ވޯޓެވެ. އަމިއްލަ ގޮތުން ވާދަކުރެއްވި ޙަސަން ޒަމީލަށް ލިބިވަޑައިގަތީ 327 ވޯޓެވެ. އެއީ ވޯޓުލީ މީހުންގެ %0.15އެވެ.

ރިޔާސީ އިންތިހާބުގައި އެއްވެސް ކެންޑިޑޭޓަކަށް %50 އަށް ވުރެ މަތިން ވޯޓު ހޯއްދެވިފައި ނުވާތީ އިންތިހާބުގައި އެންމެ ގިނަ އިން ވޯޓު ލިބިވަޑައިގެންނެވި ދެ ބޭފުޅުންގެ މެދުގައި ބާއްވާ ދެވަނަ ބުރުގެ އިންތިހާބު މި މަހުގެ 30 ގައި އޮންނާނެއެވެ. އެ އިންތިހާބުގައި ވާދަކުރައްވާނީ ރައީސް ސޯލިހާއި މުއިއްޒެވެ.