English Edition
Dhivehi Edition

މި އަހަރުގެ ރިޔާސީ އިންތިހާބުގެ ވޯޓުލީތަން ނޫން އެހެން ތަނެއްގައި، ދެ ވަނަ ބުރުގައި ވޯޓު ލާން ބޭނުންވާ މީހުންނަށް، ‏އެ ފުރުސަތު އިލެކްޝަންސް ކޮމިޝަން (އީސީ)ން ‏ވަރަށް އަވަހަށް ހުޅުވާލާނެ ކަމަށް އެ ކޮމިޝަނުން ވިދާޅުވެއްޖެއެވެ.

އިލެކްޝަން ކޮމިޝަންގެ ނައިބް ރައީސް އިސްމާއިލް ހަބީބް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފުރަތަމަ ބުރުގައި ވޯޓުލީތަން ނޫން އެހެންތަނެއްގައި، ދެވަނަބުރުގައި ވޯޓުލާން ބޭނުންވާ މީހުންނަށް، އެ ފުރުސަތު އިލެކްޝަންސް ކޮމިޝަނުން ވަރަށް އަވަހަށް ހުޅުވާލައި، އެކަން ޢާންމުކޮށް އިއުލާން ކުރާނެކަމަށެވެ.

ރިޔާސީ އިންތިހާބު 2023 ގެ ‏ދެ ވަނަ ބުރުގެ ވޯޓު ލުން އޮންނާނީ ސެޕްޓެމްބަރު 30 ގައެވެ.

ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރު އިއްޔެ ބާއްވާފައިވާއިރު އެއްވެސް ކެންޑިޑޭޓަކަށް ފުރަތަމަ ބުރުން %50 އަށް ވުރެ މަތީ ނަތީޖާއެއް ލިބިފައެއް ނުވެއެވެ.

ރާއްޖޭގައި ރިޔާސީ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރެއްވި މި ފަހަރު ރިޔާސީ އިންތިހާބުގައި އަށް ކެންޑިޑޭޓުން ވާދަކުރެއްވިއެވެ. ފުރަތަމަ ބުރުގައި އެންމެ މަތިން ވޯޓު ހޯއްދަވައިގެން ދެވަނަ ބުރުގައި ވާދަކުރައްވާނެ ކަން ކަށަވަރު ވެފަައި ވަނީ އިދިކޮޅު ރިޔާސީ ކެންޑިޑޭޓް ޑރ. މުހައްމަދު މުއިއްޒު އާއި އެމްޑީޕީގެ ރިޔާސީ ކެންޑިޑޭޓް ރައީސް އިބްރާހިމް މުހައްމަދު ސޯލިހެވެ.

މިފަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިފައިވަނީ 282،395 މީހަކަށެވެ. އޭގެތެރޭގައި މުޅިން އަލަށް ވޯޓުލެވޭ 27,006 ޒުވާނުން ހިމެނެއެވެ. އެހެން ނަމަވެސް ވޯޓުލުމަށް ނުކުމެފައި ވަނީ 223،288 މީހުންނެވެ.