English Edition
Dhivehi Edition
އެމްޑީޕީ އިން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާ / ފޮޓޯ:އެމްޑީޕީ

އިއްޔެ ބޭއްވި ރިޔާސީ އިންތިހާބީ އެއް ގޮތަކަށްވުރެ ގިނަ ގޮތްގަތުން ފާހަގަކޮށްލެވޭ އިންތިހާބެކެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގެ ފޯރި އެންމެ ގަދަވެގެން ދިޔައިރު ސަރުކާރު ހިންގާ މައި ޕާޓީ އެމްޑީޕީ ‘ދެފަޅިވެ’ ރައީސް ނަޝީދުއާއި އެ މަނިކުފާނަށް ތާއިދުކުރާ ފަރާތްތަކާ، އެމްޑީޕީ އުފެދުނީއްސުރެ އެ ޕާޓީގައި ތިބި ގިނަ ބަޔަކު ‘ދަ ޑިމޮކްރެޓްސްގެ’ ނަމުގައި ސިޔާސީ މަސައްކަތްތައް ‘ޒީރޯ’ އިން ފެށިއެވެ. ޕާޓީ އުފެދުނުތާ ތިން މަސް ނުވެ ރިޔާސީ ރޭހަށް ނިކުމެ ބޮޑެތި ސިޔާސީ ޕާޓީތަކާ ވާދަކުރުމަށް ހިތްވަރާއެކު މަސައްކަތް ކުރިއެެވެ. މިހާތަނަށް ރާއްޖޭގައި ބޭއްވި އެއްވެސް އިންތިހާބެއްގައި ‘ރީދޫ ކުލައަށް’ ނޫން ކުލައަކަށް ހެޔޮ ފާހަގަނުޖަހާ މީހުން ‘ނޫކުލައަށް’ ވޯޓު ދިނެވެ.

ރާއްޖޭގައި ދެވަނައަށް އެންމެ ގިނަ މެންބަރުން ތިބި ޕީޕީއެމްގެ ލީޑަރު ރާއީސް އަބްދުﷲ ޔާމިނަށް އިންތިހާބުގައި ވާދަނުކުރެވުމުން އެ ޕާޓީން ކެންޑިޑޭޓަކު ނެރޭކަށް ބޭނުމެއް ނުވިއެވެ. ޕީޕީއެމްގެ ‘އެއްބަނޑު’ ޕާޓީ ޕީއެންސީ އިން ކެންޑިޑޭޓަކު ނެރެ ފިޔާ ތޮށިކުލައިގެ ‘ރުކަށް’ ވޯޓު ދެމުން އައި މީހުންނަށްވެސް އެހެން ކުލައަކަށް ވޯޓު ދޭން މަޖުބޫރުވިއެވެ.

އިންތިހާބުގެ އެންމެ ފަހު ދުވަސްކޮޅު ކޮންމެ ބަޔަކުވެސް ބޮޑު މަންޒަރު ދައްކާލެވޭތޯ މަސައްކަތްކުރަމުން ދިޔައެވެ. ހާއްސަކޮށް ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި މި ފޯރި ވަރަށް ގަދައެެވެ. އެމްޑީޕީގެ ‘ފުލް ޕަވަރުގައި’ އޮތް އައްޑޫ ސިޓީގައި އަދި މި ފޯރި މާ ގަދައެެވެ. އައްޑޫ ސިޓީއިން އެމްޑީޕީއަށް މަޖިލީހުގެ މެޖޯރިޓީ އާއި ކައުންސިލްގެ މެޖޯރިޓީ ލިބިފައިވުމުން މި އިންތިހާބު ފަސޭހަކަމާއެކު ކާމިޔާބުވާނެކަމަށް އެމްޑީޕީ އިން ޝައްކެއް ނުކުރެއެވެ. ރައީސް ސޯލިހް އާއި އެ މަނިކުފާނުގެ ރަނިންމޭޓް މުހައްމަދު އަސްލަމް އައްޑޫ އަށް ވަޑައިގަތުމުން ދަމާލި ދިގު ސަފާ، ޖަލްސާ އާއި ކަންމަތީ އެއްވުންތަކާ ބޭއްވި ކޮންމެ ބުރަކުންވެސް ފެނިގެން ދިޔައީ އައްޑޫ ސިޓީގެ މެޖޯރިޓީ އަދިވެސް އޮތީ އެމްޑީޕީ އަތުގައި ކަމެވެ، ރައީސް ނަޝީދު އެ ޕާޓީން ވަކިވި ނަމަވެސް އެމްޑީޕީގެ ފިކުރު އައްޑޫ އިން ފޮހެނުލެވުނު ކަމެވެ.

May be an image of one or more people, crowd and text that says 'MDP'
އެމްޑީޕީ އިން އައްޑޫ ސިޓީ ހިތަދޫގައި ބޭއްވި ޖަލްސާ / ފޮޓޯ:އެމްޑީޕީ

އައްޑޫގެ ފޮށިތަކުގެ ވަގުތީ ނަތިޖަތައް:

  • ހުޅުދޫ ދާއިރާ – ޑރ.މުހައްމަދު މުއިއްޒު: 377 – ރައީސް އިބްރާހީމް މުހައްމަދު ސޯލިހް: 223
  • ފޭދޫ ދާއިރާ – ޑރ.މުހައްމަދު މުއިއްޒު: 844 – ރައީސް އިބްރާހީމް މުހައްމަދު ސޯލިހް: 801
  • މީދޫ ދާއިރާ – ޑރ.މުހައްމަދު މުއިއްޒު: 557 – ރައީސް އިބްރާހީމް މުހައްމަދު ސޯލިހް: 406
  • މަރަދޫފޭދޫ ދާއިރާ – ޑރ.މުހައްމަދު މުއިއްޒު: 245 – ރައީސް އިބްރާހީމް މުހައްމަދު ސޯލިހް: 357
  • މަރަދޫ ދާއިރާ – ޑރ.މުހައްމަދު މުއިއްޒު: 386 – ރައީސް އިބްރާހީމް މުހައްމަދު ސޯލިހް: 630
  • ހިތަދޫ ދާއިރާ – ޑރ.މުހައްމަދު މުއިއްޒު: 1849 – ރައީސް އިބްރާހީމް މުހައްމަދު ސޯލިހް: 2799
ނޫރާނީ ސްކޫލުގެ ވޯޓުގުނުމުގެ މަސައްކަތް / ފޮޓޯ: އައިޝާ

އެހެންނަމަވެސް އިއްޔެ އަކީ މުޅި އެމްޑީޕީއަށް ވެސް އައްޑޫ އިން ބޮޑު ‘ސަޕްރައިޒެއް’ ދިން ދުވަހެކެވެ. އައްޑޫގެ ވޯޓު ފޮށިތަކުގެ ވަގުތީ ނަތީޖާއާއި އެކު އެ ސިޓީގެ އެއްވެސް ރަށަކުން އެމްޑީޕީ ނޫން ބަޔަކަށް މެޖޯރިޓީ ނުލިބޭނެކަމަށް ބުނި މީހުންނަށް ބޮޑު ‘ޝޮކެއް’ ލިބިގެން ދިޔައެވެ. އެއާޕޯޓުން ފެށިގެން ގަމާ-ފޭދޫ އާއި ގުޅޭ ފާލަމާ ހިސާބަށް ދަމާލި ސަފުގައި ތިބި މީހުން ރައީސް ސޯލިހަށް ވޯޓު ދިންތޯ ސުވާލު އުފެއްދި އެތައް ބަޔަކު ތިއްބެވެ. ދައްކަން އުޅުނީ ހަމައެކަނި މަންޒަރެއްކަމަށާ، ނެގީ ހުސް ‘ސެލްފީ’ ކަމަށް ބުނި މީހުންވެސް މަދެއް ނޫނެވެ. އިންތިހާބާ ގުޅިގެން ހަރަދުކުރަން ދިން ފައިސާ ކެމްޕެއިންގެ އިސް ފަރާތްތަކުން ނެގިކަމުގެ ތުހުމަތުތައްވެސް ގިނައެވެ. މަޖިލީސް މެންބަރުންނަ ކައުންސިލްގެ މެންބަރުން ކުރި ‘ހަޑި’ ކެމްޕެއިނާ ގުޅިގެން ވޯޓު ގެއްލުނުކަމަށް ގަބޫލުކުރި މީހުންވެސް ތިއްބެވެ. ކޮންމެއަކަސް މިފަހަރު އައްޑޫ އިން އެމްޑީޕިއަށް މި ދައްކާލީ ވަރަށް ތަފާތު މަންޒަރެކެވެ. ތަރައްގީގެ ހުވަފެން ދައްކައިގެން އަބަދު ވޯޓު ނުދޭނެކަން އެ ސިޓީއިން ދައްކާލައިފިއެވެ،