މިއަދު ކުރިއަށްދިޔަ ރިޔާސީ އިންތިޚާބުގެ ވޯޓްލުމުން ނިމި، ވޯޓް ގުނުމުގެ މަސައްކަތް ފަށައިގެން ކުރިއަށް އެބަދެއެވެ.
އިލެކްޝަންސް ކޮމިޝަނުން ވިދާޅުވީ މި އިންތިޚާބުގައި ވޯޓުލީ ގާތްގަނޑަކަށް 75 ޕަސެންޓް މީހުން ކަމަށެވެ. އެހެންކަމުން މިއީ މިހާތަނަށް އެންމެ މަދުން ވޯޓުލި ރިޔާސީ އިންތިޚާބަށް ވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
ފުލުހުން މިއަދު ހަވީރު ބުނެފައިވަނީ މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ތެރެއިން ޖުމުލަ ހަ މީހަކު ހައްޔަރު ކުރި ކަމަށެވެ. އެކަމަކު، ފަހުން ފުލުހުން ކުރި ޓުވީޓެއްގައި ބުނީ އެ ހަ މީހުން ވެސް މިހާރު ދޫކޮށްލާފައިވާ ކަމަށެވެ.
މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ޖުމްލަ 282،395 މީހަކަށް ވޯޓުލުމުގެ ހައްޤު ލިބިފައިވެއެވެ. މީގެ ތެރޭގައި އަލަށް ވޯޓުލާ 27000 އަށްވުރެ ގިނަ މީހުން ހިމެނެއެވެ. އަދި ޤާނޫނަށް ގެނެވުނު އިސްލާޙާއެކު މިފަހަރުގެ އިންތިޚާބުގައި ލޯފަން މީހުންނަށް އިތުރު މީހެއްގެ އެހީއަކާއި ނުލާ، އަމިއްލައަށް ވޯޓުލުމުގެ ފުރުޞަތު ވަނީ ލިބިގެންގޮސްފައެވެ.
މި އިންތިޚާބުގައި ރާއްޖެއާއި ރާއްޖޭން ބޭރުގައި ވޯޓުލުމަށްޓަކާ ޖުމްލަ 574 ފޮށްޓެއް ވަނީ ބަހައްޓާފައެވެ. މިފަހަރުގެ ރިޔާސީ އިންތިޚާބުގައި ރާއްޖޭން ބޭރުގެ 5 ޤައުމެއްގައި ވަނީ ވޯޓު ފޮށި ބަހައްޓާފައެވެ. އެއީ ސްރީލަންކާގެ ކޮލަމްބޯއާއި، އިންޑިއާގެ ޓްރެވެންޑްރަމާއި، މެލޭޝިއާގެ ކުއަލަލަމްޕޫރުގެ އިތުރުން އިނގިރޭސިވިލާތުގެ ލަންޑަނާއި، ދުބާއީގައެވެ. އަދި 65 ރިސޯޓަކާއި 5 ޖަލެއްގައި ވޯޓު ފޮށި ބަހައްޓާފައިވެއެވެ.