English Edition
Dhivehi Edition
އއ. ރަސްދޫ ފޮށި ކައިރީ ފުލުހުން ހަރަކާތްތެރިވަނީ: މިފޮށި ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައި

ރިޔާސީ އިންތިހާބު ވޯޓުލުން ފެށިގެން ކުރިއަށް ދާއިރު، އއ. ރަސްދޫގައި ވޯޓުލުން ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި، ރަސްދޫގައި ވޯޓުލުން މެދުކަނޑާލީ ވޯޓު ފޮށި ކައިރީގައި ހަރަކާތްތެރިވާ ދެ އޮފިޝަލަކު މަގާމުގެ މަސްއޫލިއްޔަތުން އެކަހެރި ކުރުމާ ގުޅިގެންނެވެ. އަދި އެފޮށީގައި ހަރަކާތްތެރިވާ ބައެއް އޮބްޒާވަރުންނަށް ފާސް ނުލިބިގެން އެކަމުގެ ޝަކުވާ ދިޔައީ ކުރަމުންނެވެ. ފާސްނެތް ޕީޕީއެމްގެ އޮބްޒާވަރުން ބޭރުކޮށްލުމުން ހިނގި މިހަމަނުޖެހުން ހުއްޓުވުމަށް ފުލުހުން އެސަރަޙައްދުގައި ދަނީ ޙަރަކާތްތެރިވަމުންނެވެ.

ރިޔާސީ އިންތިޚާބުގެ ވޯޓުލުން ފެށިތާ 4 ގަޑި އިރު ފާއިތު ވެގެން ދިޔައިރު މިއިންތިޚާބަކީ މިވަގުތާއި ހަމަޔަށް އެންމެ ހަމަނުޖެހުން ކުޑަ އިންތިޚާބުގެ ގޮތުގައި ގިނަ ބަޔަކު ފާހަގަ ކުރެއެވެ. އެހެންނަމަވެސް ބައެއް ހިސާބު ތަކުގައި ކުދި ކުދި ހަމަ ނުޖެހުންތަކާއި ޝަކުވާތައް އުފުލަމުން ދެއެވެ.

އެގޮތުން މިއަދު ވޯޓުލާންގޮސް ހުރި މީހަކު ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއް ވަނީ ފެންމަތިވެފައެވެ. .

މި މައްސަލަ ހިނގާފައިވަނީ ގއ. ވިލިނގިލީގައެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 32 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ރިޔާސީ އިންތިޚާބުގައި ވޯޓުލާން ފެށިތާ ދެ ގަޑިއިރު ތެރޭގައި ޖުމުލަ 36163 މީހުން ވޯޓު ލާފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެއެވެ. އޭގެ ތެރޭގައި ހިމެނެނީ 22403 ފިރިހެނުންނާއި 13760 އަންހެނުންނެވެ.

އެހެންކަމުން މިހާތަނަށް ވޯޓު ލާފައި މިވަނީ، ވޯޓު ލެވޭ އާބާދީގެ 12.8 އިންސައްތަ މީހުންނެވެ. މިހާތަށް ވޯޓު ނުލާ ވަނީ 246232 މީހުންނެވެ. އެއީ 87 އިންސައްތައެވެ.

މިފަހަރުގެ ރިޔާސީ އިންތިޚާބަކީ ތާރީޚީ ރިޔާސީ އިންތިޚާބެކެވެ. މި އިންތިޚާބު ޚާއްސަވާ އެންމެ ބޮޑު އެއް ސަބަބަކީ، މިއީ ރާއްޖޭގެ ތާރީޚުގައި އެންމެ ގިނަ ކެންޑިޑޭޓުން ރިޔާސީ އިންތިޚާބެއްގައި ވާދަކުރާ އިންތިޚާބެވެ. 2008 ވަނަ އަހަރު ރާއްޖެއަށް ތަޢާރަފްވި މަލްޓި ޕާޓީ ނިޒާމާއެކު، ބާއްވާ 4 ވަނަ ރިޔާސީ އިންތިޚާބުގައި 8 ކެންޑިޑޭޓުން ވާދަކުރެއެވެ. އޭގެ ތެރޭގައި ސިޔާސީ ޕާޓީތަކުން ވާދަކުރައްވާ 5 ކެންޑިޑޭޓަކާއި އަމިއްލަގޮތުން ވާދަކުރައްވާ 3 ކެންޑިޑޭޓުން ހިމެނިވަޑައިގަންނަވައެވެ.