English Edition
Dhivehi Edition
ގއ. ވިލިނގިލީގައ ވޯޓުލާ ސަރަހައްދުގައި ބަޔަކު މަޑުކޮށްލައިގެން

މިއަދު ކުރިއަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓުލުމުގައި ވޯޓުލާންގޮސް ހުރި މީހަކު ވޯޓު ކަރުދާސް ފޮޓޯ ނެގި މައްސަލައެއް ފެންމަތިވެއްޖެއެވެ.

މި މައްސަލަ ހިނގާފައިވަނީ ގއ. ވިލިނގިލީގައެވެ. ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން 32 އަހަރުގެ ފިރިހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ ގއ. ވިލިނގިލީގައި ވޯޓުލާ މަރުކަޒަށް ވޯޓުލުމަށް ދިޔަ މީހަކު ސްޕައި ކެމެރާއެއް ބޭނުންކޮށްގެން ވޯޓު ކަރުދާސްކޮޅު ފޮޓޯ ނެގިކަމުގެ މަޢުލޫމާތު މިއަދު 10:25 އެހާކަންހާއިރު ފުލުހުންނަށް ލިބިފައިވާ ކަަމަށެވެ.

ވިލިނގިލީ މަލްޓި ޕާޕަސް ހޯލުގައި ބަހައްޓާފައި ހުރި 323 ނަމްބަރު ވޯޓު ފޮއްޓަށް ވޯޓުލާން ދިޔަ ފުވައްމުލަކު މީހަކު ވޯޓުލާން ގޮސް ހުރެ ސިއްރުން ކެމެރާއަކުން ފޮޓޯ ނެގި މައްސަލައެއް ބަލަމުން އަންނަ ކަމަށް އެ ސަރަހައްދުގައި ހުރި އޮފިޝަލް ވަނީ ކަށަވަރު ކޮށްދެއްވާފައެވެ.

އޮފިޝަލް ވިދާޅުވީ އެމީހާ ވޯޓުއަޅަން ގޮސްހުރި އިރު ކެމެރާގެންގުޅޭ ކަމަށް ޝައްކުވެގެން ބެލިބެލުމުން ކުޑަ ކެމެރާއެއް އޭނަގެ އަތުން ފެނި ކެމެރާ އަތުލާފައިވާ ކަަމަށެވެ.