English Edition
Dhivehi Edition

މިއަދު ކުރިޔަށްދާ ރިޔާސީ އިންތިޚާބުގެ ވޯޓުލާ ދުވަހު ގާނޫނާއި ޚިލާފުކަމެއް ހިނގާނަމަ އެކަމެއް ހެއްކާއެކު ވީހާވެސް އަވަހަށް ހުށަހެޅުމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ގެ ނައިބު ރައީސް އިސްމާއީލު ހަބީބު އެދިވަޑައިގެންފިއެވެ.

ހަބީބު ވިދާޅުވީ ޝަކުވާ ހުށަހެޅޭނެ ނިޒާމު ވަނީ މިހާރު ގާއިމުކުރެވިފައިކަމަށާއި އެގޮތުން ކޮންމެ އަތޮޅަކާއި ސިޓީއެއްގައި ކޮމްޕްލެއިންޓްސް ބިޔުރޯ ގާއިމުކުރެވިފައިވާއިރު މާލޭގައި ގައުމީ ކޮމްޕްލެއިންޓްސް ބިޔުރޯ ގާއިމުކުރެވިފައިވާކަމަށެވެ.

ހަބީބު ވިދާޅުވީ ޝަކުވާ ހުށަހެޅޭ ހިސާބުން ވޯޓުލާ މަރުކަޒުގެ ވެރިއަކު އެމައްސަލައެއް ހައްލުކުރަން މަސައްކަތްކުރާނެކަމަށެވެ.

“ރަށްރަށުގައި ޝަކުވާ ނިޒާމު ބަލައިގަތުމަށް ފޯކަލް ޕޮއިންޓް ގާއިމުކުރެވިފައި ވަނީ. ވޯޓުލާ މަރުކަޒުގައި ހިނގާ ކަންކަން ޝަކުވާ މަރުކަޒުގެ ވެރިޔާއަށް ހުށަހަޅާނީ. ވެރިޔާ އަށް ހައްލުނުވާނަމަ ރަށެއްގެ ފޯކަލް ޕޮއިންޓް މެދުވެރިކޮށް ކޮމްޕްލެއިންޓްސް ބިޔުރޯއަށް އަންގަންވާނެ. ޝަކުވާއެއް ގޮތަށް ހުށަހަޅާންވާނެ ފޯމު، ވަކި ހިސާބަކުން ނަތީޖާ އައީމާ ޝަކުވާ ހުށަހެޅޭތަން އެބައާދޭ. ކަމެއް ހިނގައިދިއްޔާ އެވަގުތަކުން ެފެށިގން ހުށަހަޅާ ކަން ހިނގިގޮތުގެ ރިޕޯޓް ލިޔުމުން އެނގެން އޮންނަންޖެހޭނެ. ކޯޓު މަރުހަލާގައިވެސް ބަލާނެ އެކަންކަން. އެހެންވީމާ މިކަންކަމަށް ހޭލުންތެރިކަން ބެހެއްޓުން ވަރަށް މުހިންމު” ހަބީބު ވިދާޅުވިއެވެ.

އީސީން ބުނެފައިވަނީ ރިޝްވަތު ހުށަހެޅުމާއި އައިޑީކާޑު ވިއްކާ މައްސަލަތައް ފަދަ އެއްވެސް މައްސަލަތައް މިހާތަނަށް ހުށަހެޅިފައިނުވާކެމަށެވެ. އަދި އިންތިޚާބުގެ ފުލުހުންގެ ފަރާތުން ހުންނަވާ ކޮމާންޑަރު އަހުމަދު ޝާކިރުވެސް ވިދާޅުވީ އެފަދަ މައްްސަލައެއް ހުށަހަޅާފައިނުވާކަމަށެވެ.