English Edition
Dhivehi Edition

މިއަދު ބާއްވާ ރިޔާސީ އިންތިޚާބާ ގުޅިގެން ސަލާމަތީ ކަންކަން ބެލެހެއްޓުމަށް “އޮޕަރޭޝަން ބްލޫވޭވް” ގައި ފުލުހުން ފުރިހަމައަށް ތައްޔާރަށް އޮތްކަމަށާއި، އެލއަރޓް ލެވެލް އެންމެ މަތިކޮށްފައިވާކަމަށް ފުލުހުން ވިދާޅުވެއްޖެއެވެ.
އޮޕަރޭޝަން ބްލޫވޭވޭގެ މަގުސަދަކީ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ސަލާމަތީގޮތުން ރައްކާތެރި އަމާން މާހައުލެއް ގާއިމުކޮށްދީ، އިންސާނީ ކަރާމާތަށް އުނިކަމެއް ނާންނާނެގޮތުގެ މަތިން އިންސާނީ ހައްގުތައް ރައްކާތެރިކޮށް އަދި ކޮމިއުނިޓީ ޕޮލިސިންގ ފަލްސަފާއާ އެއްގޮތަށް، އިންތިހާބުގެ ކުރިންނާއި ފަހުން، ދިވެހިރާއްޖޭގެ ދާހިލީ ހަމަޖެހުމާއި އަމަންއަމާންކަަމަށް ހުރަސްއެޅޭފަދަ އެއްވެސް ނުރައްކަލަކަށް ފުރުސަތުނުދީ އަދި ދިމާވެދާނެ ހަމަނުޖެހުމެއް ރޭވުންތެރިކަމާއެކު އާންމު ހާލަތަށް ބަދަލުކުރުންކަމަށް ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދުވަނީ ވިދާާޅުވެފައެވެ.

ފުލުހުން ވިދާޅުވީ އިންތިޚާބުގެ ސަލާމާތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި މިހާރު ހުރިހާ ސަރަހައްދަކަށް ފުލުހުން ފޮނުވާ ނިންމާފައިވާކަމަށެވެ. އަދި ވޯޓުލަން ފަށާ ހިސާބުން ފެށިގެން ވޯޓުގެ ނަތީޖާ އިޢުލާންކޮށް އަދި އޭގެ ފަހުންވެސް ދިމާވެދާނެ ހާދިސާތަކަށް ފުލުހުން ތައްޔާރަށް އޮތްކަމަށާއި އެލއަރޓް ލެވެލް އެންމެ މަތިކޮށްފައިވާކަމަށެވެ. އަދި އެއްވެސް މައްސަލައެއް ދިމަވެއްޖެނަމަ އާއްމުންނަށް 119 އަށް ގުޅާ އެ މަޢުލޫމަތު ހިއްސާ ކުރެވޭނެކަމަށެވެ

ފުލުހުން ވަނީ މިއަހަރުގެ ރިޔާސީ އިންތިޚާބުގައި ބޮޑީވޯން ކެމެރާ ބޭނުން ކުރާ ގޮތަށްވެސް ނިންމާފައެެވެ. ބޮޑީ ވޯން ކެމެރާ އާއިއެކު ފުލުހުން ވޯޓުލާ މަރުކަޒު ތެރޭގައާއި، ޕޯލިން ސިސްޓަމް ތަކުގައިވެސް ހަރަކާތްތެރިވާނެއެވެ. އަދި ކެމެރާ ބޭނުން ކުރާނީ ޤާނޫނުތަކާއި ގަވާއިދުތަކާއި އެއްގޮތަށް ކަމަށް ފުލުހުން ވިދާޅުވެއެވެ. އިންތިޚާބުގެ ކަންކަން އަމާންކަމާއި އޮމާންކަމާއެކު ކުރިއަށް ގެންދިއުމުގައި މުވައްސަސާތަކުން ގުޅިގެން ކުރާ މަސައްކަތުގައި ފުލުހުންގެ ފުރިހަމަ އެއްބާރުލުން އޮންނާނެކަމަށް ފުލުހުން ވިދާޅުވެއެވެ.

އިންތިޚާބާއި ގުޅިގެން ފުލުހުންގެ ޚިދުމަތުގެ އޮޕަރޭޝަނަލް ސްޓޭޓަސް ‘’ލެވެލް 3” އަށް މިހާރު ވަނީ ބަދަލުކޮށްފައެވެ.