English Edition
Dhivehi Edition

ރިޔާސީ އިންތިޚާބާ ގުޅިގެން ކެމްޕެއިން ކުރުން މަނާ ވަގުތުތަކުގައި ކެމްޕެއިނާ ގުޅޭ ކޮންޓެންޓް ބްރޯޑްކާސްޓް ނުކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަނުން އިލްތިމާސްކޮށްފިއެވެ.

ބްރޯޑްކޮމް އިން މިއަދު ބުނީ 9 ސެޕްޓެމްބަރ 2023 ގައި ބާއްވާ ރިޔާސީ އިންތިޚާބުގައި ވާދަކުރާ ކެނޑިޑޭޓުންނާ ގުޅޭ އެއްވެސް ކެމްޕެއިން ހަރަކާތެއް ނުވަތަ އެފަދަ ކެނޑިޑޭޓަކަށް ތާއިދު ހޯދުމަށް ފޮނުވޭ އެއްވެސް ކޮންޓެންޓެއް، 8 ސެޕްޓެމްބަރ 2023 ވާ ހުކުރު ދުވަހުގެ ހަވީރު 6:00ން ފެށިގެން 10 ސެޕްޓެމްބަރު 2023 ވާ އާދީއްތަ ދުވަހުގެ ހެނދުނު 6:00ގެ ނިޔަލަށް ބްރޯޑްކާސްޓް ނުކުރުމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް އިލްތިމާސްކުރާ ކަމަށެވެ.

އިންތިޚާބުތަކާ ބެހޭ އާންމު ގާނޫނު ގެ 44 ވަނަ މާއްދާގެ (ހ) ގައި ބުނާ ގޮތުން، އިންތިޚާބުގައި ވޯޓުނަގާ ދުވަހުގެ ކުރީ ދުވަހުގެ ހަވީރު 6:00 އިން ފެށިގެން، ވޯޓު ނަގާ ދުވަހުގެ ފަހު ދުވަހުގެ ހެނދުނު 6:00 އާ ދެމެދު އެއްވެސް ކެނޑިޑޭޓަކަށް ތާއީދުކުރުމުގެ އެއްވެސް ހަރަކާތެއް ހިންގުމަކީ މަނާކަމެކެވެ.

ގާނޫނާ ޚިލާފަށް ބްރޯޑްކާސްޓްކުރުމަކީ، ގާނޫނެއްގެ ބާރު ކެނޑިގެންދާ ގޮތަށް ބްރޯޑްކާސްޓްކުރުން ކަމަށް ވާތީ، މިއީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ފުރަތަމަ ހަމައިގެ (2) އާ ޚިލާފު ކަމެއް ކަމަށެވެ. އަދި މި ކަމަށް ހުރިހާ ބްރޯޑްކާސްޓަރުންނަށް ސަމާލުވުމަށް ވަނީ އިލްތިމާސްކޮށްފައެވެ.