English Edition
Dhivehi Edition

ނޫސްވެރިން އެކްރެޑިޓް ކުރުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން ބްރޯޑްކޮމް އިން އުސޫލެއް ހަދައިފިއެވެ.

ބްރޯޑްކޮމްއިން އިއްޔެ ނެރުނު ނޫސްބަޔާނެއްގައި ބުނާ ގޮތުން ނޫސްވެރިން އެކްރެޑިޓް ކުރުމުގެ މަގްސަދަކީ ފެންވަރު ރަނގަޅު ހިދުމަތެއް ފޯރުކޮށްދިނުމަށް ބާރު އެޅުމާއި ނޫސްވެރިންގެ ގޮތުގައި މަސައްކަތްކުރާ ފަރާތްތަކުގެ ތައުލީމާއި ތަޖްރިބާ ކަނޑައެޅުމެވެ. އަދި ބްރޯޑްކާސްޓިން ދާއިރާގައި މަސައްކަތް ކުރާ ނޫސްވެރިންގެ ދަފްތަރެއް އެކުލަވައިލުމާއި އެ ދާއިރާގައި މަސައްކަތްކުރާ ނޫސްވެރިންނަށް ފާސްދޫކުރުމަކީ ވެސް ނޫސްވެރިން އެކްރެޑިޓް ކުރުމުގެ މަގުސަދެއް ކަމަށް ބްރޯޑްކޮމްއިން ވަނީ ބުނެފައެވެ.

ފާސް ދޫކުރާނީ ބްރޯޑްކާސްޓިން އަދި ކޮމިއުނިކޭޝަން ދާއިރާ އާއި ދާއިރާއާ ގުޅުން ހުރި އެހެނިހެން ދާއިރާތަކުން ދަށްވެގެން އެމްކިއުއޭ ލެވެލް ތިނެއްގެ ސެޓްފިކެޓެއް ހާސިލް ކޮށްފައިވާ ފަރާތްތަކަށް ކަމަށާއި އެ ދާއިރާއިން މަދުވެގެން ތިން އަހަރު ދުވަހުގެ ތަޖުރިބާ ލިބިފައިވާ ފަރާތަކަށް ކަމަށް އެ ކޮމިޝަނުން ވަނީ ބުނެފައެވެ.

ފާސް ދޫކުރުމަށް ހާއްސަ ތަމްރީން ޕްރޮގްރާމެއް ހަދަން ޖެހޭ ކަމަށް އެ އުސޫލުގައި ވަނީ ބުނެފައެވެ. އޭގެ ތެރޭގައި:
* ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސް (ސުލޫކީ މިންގަނޑު)
* ބްރޯޑްކާސްޓްކުރާއިރު ކުޑަކުދިން ހިމާޔަތްކުރުމުގައި އަމަލުކުރަންވީ ގޮތް
* ބްރޯޑްކާސްޓްކުރުމުގައި އަންހެނުންގެ ހައްގުތައް ހިމާޔަތް ކުރުމުގައި އަމަލުކުރަންވީ ގޮތް
* ގުދުރަތީ ކާރިސާތަކާއި ހިތާމަވެރި ހާދިސާތައް ކަވަރުކުރުމުގައި އަމަލުކުރަންވީ ގޮތް
* މުޒާހަރާއާއި ހަލަބޮލި ހާލަތްތައް ކަވަރުކުރުމުގެ ގައިޑްލައިން
* އިންތިހާބުގެ ދުވަސްވަރު ސިޔާސީ ކޮންޓެންޓް ބްރޯޑްކާސްޓްކުރުމުގެ ގައިޑްލައިން

އަދި މި ދާއިރާތަކަށް އަހުލުވެރިވެފައިވާ މިންވަރު ވަޒަން ކުރުމަށް ހަދާ ކޯހުގައި ބައިވެރިވުމަށް 100 ރުފިޔާ ދައްކަން ޖެހޭނެ ކަމަމަށާއި މި ކާޑު ދޫކުރަނީ ފަސް އަހަރަށް ކަމަށް އެ ކޮމިޝަނުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.