English Edition
Dhivehi Edition

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން އަލުން ހުޅުވާލައިފިއެވެ.

މި މަހުގެ 18ވަނަ ދުވަހު ވެސް އެ ކޮމިޝަނުގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލިއެވެ. ނަމަވެސް، އެ އިއުލާނު ބާތިލުކޮށް، މިއަދު އެ އޮފީހުން ވަނީ އަލުން ބްރޯޑްކޮމްގެ މެންބަރު ކަމަށް ކުރިމަތިލާން ހުޅުވާލާފައެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނުގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމުގެ އަލުން ހުޅުވާލީ ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާ އާއި ކޮމިޝަންގެ މެމްބަރު އަލީ ޔޫސުފްގެ ދައުރު ހަމަވާތީއެވެ.

މަރިޔަމް ވަހީދާއާއި އަލީ ޔޫސުފް ކޮމިޝަނަށް އައްޔަންކޮށްފައިވަނީ 5 ޑިސެމްބަރު 2019ގައެވެ.

ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުންގެ ދައުރަކީ ފަސް އަހަރުކަމުން މަރިޔަމް ވަހީދާއާއި އަލީ ޔޫސުފްގެ ދައުރު އަންނަ ޑިސެމްބަރު މަހުގެ 5ވަނަ ދުވަހަށް ހަމަވާނެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންގެ ވިދާޅުވީ މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލީ 9 ޑިސެންބަރު 2024 ވާ ހޯމަ ދުވަހުގެ 12:00 ގެ ނިޔަލަށް ކަމަށެވެ. މެންބަރުކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު ބަލައިގަތުމަށް ހަމަޖެހިފައިވަނީ، އެކަމަށް ކުރިމަތިލުމަށް ދީފައިވާ މުއްދަތުގައި، ރަސްމީ ބަންދު ދުވަސްތައް ފިޔަވައި، އެހެން ދުވަސްދުވަހުގެ ހެނދުނު 08:30 އިން 12:00 އަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންނެވެ.

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމުގެ މަޤާމަށް ކުރިމަތިލުމަށް އެދޭ ފޯމު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ރިސެޕްޝަނުން ލިބެންހުންނާނެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ވެބްސައިޓް https://presidency.gov.mv އިން ފޯމު ޑައުންލޯޑު ކުރެއްވޭނެއެވެ.