English Edition
Dhivehi Edition

މިއީ ސ.ފޭދޫ ޕެންޒީމާގޭ އަލްމަރުޙޫމް އަޙްމަދު ޙަސަން މަނިކުފާނު 1978ގައި އައްޑޫގައި ނެރުނު “މިލާބު” މަޖައްލާއަށް “އައްޑޫގަން” މި ނަމުގައި ލިޔުއްވާފައިވާ އައްޑޫގެ ތާރީޚާ ގުޅޭ މުހިއްމު ވާހަކަތަކެއް ހިމެނޭ ލިޔުމެކެވެ. އަޙްމަދު ޙަސަން މަނިކުފާނަކީ އައްޑޫ ގެ ފޭދޫ އެކި ޢާއިލާތައް އުފެދިގެން އައި ގޮތާ ބެހޭ ގޮތުން ވަރަށް ބޮޑު ދިރާސާ ކޮށް އޭގެ ފޮތެއްވެސް ލިޔުއްވި ބޭފުޅެކެވެ. އެ ފޮތަކީ މިޒަމާނުގެ ލިޔުންތެރިން އަސްލަކަށް ބަލައިގެން އާއިލާތައް އުފެދިގެން އައިގޮތް ލިޔުމަށް ބޭނުންކުރި ފޮތެކެވެ.

މި ނޫހުގައި އަޅުގަނޑު މި ލިޔުން މި ލިޔަނީ މިއީ އެބޭފުޅާ އައްޑޫގެ ތާރީޚަށް ކޮށްދެއްވެވި އަގުހުރި މަސައްކަތަކަށް ވުމާއެކު އައްޑޫގެ އަދި ރާއްޖޭގެ ގިނަ ބަޔަކަށް މި މައުލޫމާތު ފޯރުކޮށް ދިނުމުގެ މަގުޞަދުގައެވެ. މި ލިޔުން އަޅުގަނޑު ޓައިޕްކޮށްފައިވާނީ ލިޔުމަށް އެއްވެސް އުނިއިތުރެއް ނުގެނެސް އެބޭފުޅާ ލިޔުއްވެވި ގޮތަށެވެ. އަލްމަރުޙޫމް އަޙްމަދު ޙަސަން މަނިކުފާނަކީ އައްޑޫގެ ތާރީޚު ދިރާސާކުރެއްވެވި މޮޅު ލިޔުންތެރިއެކެވެ. އެބޭފުޅާގެ ފުރާނައަށް ސުވަރުގޭގެމަތިވެރި ނިއުމަތް މިންވަރު ކުރައްވާށި. އާމީން!

“އައްޑޫއަތޮޅު ގަމަކީ، ހުރިހާ ޒަމާނެއްގައިވެސް އައްޑުއަތޮޅުގެ އަސާސެއްކަމުގައި ވުމުގެ ސަބަބުން އައްޑުއަތޮޅު އެންމެންގެ ހިތު ތެރޭގައި ވެސް ވަރަށް ބޮޑު ޤަދަރެއް ދެވޭ އިޙްތިރާމާއި ލޯބި ބޮޑު ރަށެކެވެ. ވީމާ އެ ރަށަކީ އެރަށުގެ މަތިވެރި ޒިކުރާ ތައް ހަނދާންނެތުމުގެ ކަނޑެއްގެ ތެރެއަށް ޣަރަޤު ވިއަދީގެންވާ ވަރުގެ ރަށެއް ނޫނެވެ. އަދި އެރަށަކީ، ޒަމާނުއްސުރެން ދިވެހީން އުޅެމުން އައިސްފައިވާ ދިވެހި ފަސްގަނޑެއްކަމުގައި ވިއަސް ދެން މީގެ ފަހަށް ދިވެހިން އެ ރަށުގައި ވަޒަންވެރިވެގެން އުޅޭނޭ ދުވަހެއް ޚިޔާލީ ދުރުމީއަށް ވެސް ނުފެންނާތީއެވެ. މި މަތިވެރި ޒިކުރާ އާކުރުމުގެ ގޮތުން އަޅުގަނޑު މި ވާހަކަ މި ލިޔަނީ ގަމުގެ ހަމަކޮންމެ ފަރުދެއްގެ ވެސް މަތިވެރި އުފަލަކަށް ވާނެ ކަމުގެ އުއްމީދުގައެވެ. އަދި މުސްތަގުބަލުގެ ދަރީންގެ މައުލޫމާތަށްޓަކައިވެސް މެއެވެ. ﷲގެ ހަޟްރަތުން ވާގި އެދިހުރެ މި ވާހަކަ މި ލިޔަނީ ގަމުގެ އަހުލުވެރިންގެ ތެރެއިން ޚިޔާލު ތަނަވަސް ވިސްނުންތެރި ހަރުދަނާ މުސްކުޅިން ދެއްވި ގިނަ މައުލޫމާތުތަކާއި އަދި ކުރިއްސުރެން ދޫދޫ މަތިން އައިސް އަޅުގަނޑުމެންނާ ހަމައަށް ވާރިސް ވެފައިވާ ޚަބަރު ތަކީ އަސްލެއް ކަމަށް ބަލައިގެން 1956 މ. ވަނަ އަހަރުން ފެށިގެން 30 އަހަރަށް ދިވެހި ދައުލަތުން ގަން އިނގިރޭސި ދައުލަތަށް ހިލޭ ހަދިޔާއެއްގެ ގޮތުން ދެއްވި ދެއްވުމާއި ގުޅިގެން ގަމުގެ ރައްޔިތުން ފޭދޫއަށް ނަގުލުވި 1960 މ. ވަނަ އަހަރުގެ ކުރީގެ މައުލޫމާތު ތަކެވެ”

ފުރަތަމަ ބާބު:

އައްޑޫ ގަން

އާދޭހެވެ. އާދޭހެވެ. އައްޑޫއަތޮޅު ގަމަކީ އަތޮޅުގެ މީހުން އުޅޭ ރަށްތަކުގެ ތެރެއިން އެންމެ ދެކުނަށް އޮތް ރަށެވެ. އަދި ކީއްތޯއެވެ. މުޅި ރާއްޖެއިން ވެސް އެންމެ ދެކުނަށް އޮތް ރަށަކީ އައްޑޫއަތޮޅުގެ ގަމެވެ. ރަށަކީ ކާރީގައި ވަދެ ނިކުމެ އުޅޭ ހުރަސްކަނޑެއް އޮންނަ، ދުރުން ފެންނައިރު ވަރަށް މަލަމަތި ރީތި ރަށެކެވެ. އުސްކޮށް ހެދިފައި ހުންނަ ދިވެހި ރުށްތަކާއި ބަނބުކެޔޮގަސްތަކެވެ. ކަނދުގަސްތަކާއި ކާނިގަސްތަކެވެ. ކަށިކެޔޮގަހާއި ދިއްގާ ގަސްތަކެވެ. އަދި މި ނޫނަސް ފާޑުފާޑުގެ ކިތަންމެ ގަސްތަކެވެ. ގަސްތަކުގެ މައްޗަށް ބަލާލާއިރު ފެނިގެންދަނީ ވަރަށް ވެސް ރީތި ހުދުކުލައިގެ ދޫނިތަކެވެ. މި ދޫނިތަކަކީ ދިވެހިރާއްޖޭގެ އެހެން އެއްވެސް އަތޮޅެއްގައި އުޅޭނެ އެއްޗެއް ނޫނެވެ. ރަށަކީ ދިގުމިނުގައި 8700 ފޫޓް، ފުޅާމިނުގައި 4986 ފޫޓް ހުރި ދިވެހިރާއްޖޭގެ އާދައިގެ ރަށްތަކަށް ވުރެ ބޮޑު ރަށެކެވެ. ރަށުގައި މީހުން އުޅުނު އޮތީ މައިގަނޑު 2 އަވަށެވެ. އެ ދެ އަވަށް އޮތީ ގާތްގަނޑަކަށް ރަށުގެ ހަތަރުބައިކުޅަ އެއްބައި ހާ ހިސާބު ހުޅަނގުމަތީ ކޮޅުގައެވެ. ރަށުގެ ވަށައިގެން ރީތި ތަރުތީބެއްގެ މަތިން ދިވެހިރުއްތައް ހެދިފައިވުމާއެކު އެ ރުއްތަކުގެ ތެރެއިން ހެދިފައިވާ ފާޑުފާޑުގެ ގަސްތައް ދައްކާލާއިރު ހީވަނީ ހައްދާފައިވާ ރީތި ބަގީޗާއެއްހެންނެވެ. މި ރުއްތަކުގެ ތެރެއިން ރަށުގެ ވަށައިގެން ހިނގާފައިދާ މީހުންނަށް އުނދަގޫ ނުވާ ވަރުގެ ހަނި މަގުތައް ހުރެއެވެ. އެ މަގުތަކުގެ ކާރީގައި ހެދިފައި ހުންނަ މާގަސްތަކުގައި ފޮޅެމުން ދިޔަ ކަށިމަލާއި އުނިމާ، އިރުދޭމަލާއި ފުނަމާތަކުގެ މީރުވަހުން މަގުމަތި އޮންނަނީ އެއްވަސް ވެފައެވެ.

މީހުން އުޅުނު ދެއަވަށާއި މަގުތައް އަދި ރަށުގެ އެކިތަންތާންގެ ތިބި ފަންނުތަކާއި މިސްކިތްތައް:

ރަށުގައި އޮތީ މީހުން އުޅުނު މައިގަނޑު 2 އަވަށެވެ. އެއީ ދޫގަހު އަވަށާއި މަތީ އެންގަނޑު އަވަށެވެ. ދޫގަހު އަވަށް އޮތީ ރަށުގެ އުތުރުބިތުގައެވެ. މަތިއެންގަނޑު އަވަށް އޮތީ ދެކުނު ބިތުގައެވެ. ދެ އަވަށް ދެއަވަށުން ހިނގަން އޮތީ ބޮޑު މަގު ދެމަގެވެ. އެއީ ބުރަންމާނީ މަގާއި މާވަށުގަސްދޮށު މަގާއި ދެމަގެވެ. އަދި ދޫގަހު އަވަށުގެ މެދުގަން މިސްކިތް ފަންނުން ފެށިގެން ބޮޑު ބީވާގެ ތެރެއިން ރަށުގެ އިރުމަތީކޮޅާއި ޖެހެންދެން އާދައިގެ ފުޅާ މިނެއްގައި އޮންނަ މަގެއް ހޭޅިފަށުގައި އޮތެވެ. އެ މަގަށް ކިޔަނީ ރާއެރިން މަގެވެ.

ރާއެރިންގެ ނަމުން އެމަގަށް ނަންކިއިގެން ވަނީ އެ މަގުގެ ވިނަ ނޮޅާ ސާފުކޮށް ބެލެހެއްޓުން އޮތީ ރާއެރި ބެއިކަލުންގެ މައްޗަށް ކަމަށްވާތީ އޯލައެވެ. އަދިވެސް އެރަށުގެ ވަށައިގެން އެކިދިމަ ދިމާއިން އަތިރިމައްޗަށް ފައިބާ ހަނިހަނި މަގުތައް ތިބިއެވެ. އެމަގުތަކުގެ އަތިރިއަށްވީ ކޮޅުމައްޗަށް އައްޑޫ ބަހުން ކިޔާއުޅެނީ “ފަންނު ފަންނު” އެވެ. އެ ފަންނު ތަކަކީ:

1-ދަށުދޫގަސް ފަންނު

2-ކާށިގޭފަންނު

3-އާމިސްކިތް ފަންނު

4-ދޫގަސް ފަންނު، އަތިރިމަތީ ވާރުގޭ އޅުމަށްފަހު، ވާރުގޭ ފަންނޭ ވެސް ކިއަނީ މި ދޫގަސް ފަންނަށެވެ.

5-ވަލިގޭ ފަންނު

6-އަތިރަގޭ ފަންނު

7-މެދުގަންމިސްކިތްފަންނު

8-ވައިފަހިކެލޭގެފާނު ފަންނު

9- ތިންބުރިކަލޭގެފާނު ފަންނު

10- ތަށިޖެހި މިސްކިތްފަންނު

7،8،9،10 ގައި މިއޮތް ހަތަރު ފަންނަކީ އެދުވަސްވަރު އަންހެންވެރިންގެ ހިތްތަކުގައި ޚާއްޞަ ޤަދަރެއް ދެވިފައިވާ 4 ފަންނެވެ. އެއީ އޮޅުދޫ ކަރަޔަށް ދަތުރުކުރި ދުވަސްވަރުގައި އިރުވައި މޫސުމް ދަތުރުދާ އޮޑިފަހަރަށް ލަސްވީމާ އުތުރުން ވައިޖެހުމަށް އެދިގެން އަންހެންވެރިން ބައިހަދާފައިގޮސް މި ހަތަރު ފަންނުގެ މަގުގައި ހުންނަ ވިނަތައް ނޮޅާ، ކުނިކަހާ އެ މަގުތަކަށާއި އެތާނގެ ޒިޔާރަތަށް ދޮންވެލިލައި ޒިޔާރަތްތަކުގައި ދިދަޖަހާލާފައި އެ ފަންނުތަކުން އަތިރިޔަށް އެރި މަގޫފަތްގޮފިތައް ބިނދެގެން ގޮނޑުދޮށަށް ފައިބައި އެ ފަތްކޯޅިތަކުން ގޮނޑުދޮށާއެކު މޫދުގާ ތަޅާފައި އަންނަނީއެވެ. އެ ތަޅާއިރު ކިޔާ ބަނދިއެއް އޮވެއެވެ. އެއީ:

‘އޭ މަގާ މަގާ މަގުގައި ކަމަނާފާނުއޭ. ރައްބިއަށް ރަސޫލަށް ދަންނަވައި ދުއާފުޅަށް ކުރައްވައި ވަރޮއުތުރުން ގަހާ ދަށުން ވައިޖެހިގެން އައްޑުން ގެއި ހެއި ގަނޑެތި އެކީ ބާނާހެއު. ކޮންފަދަތޯ ޔާﷲ އާމީން” މިއެވެ.

ދިދަޖަހަނީ ގަދައިލޮށިން ރީއްޗަށް މަށާލައިގެން އިލޮއްޓެއްގާ ރީތި ރީތި ދޮންރުވާފަތުގެ ދެތިންފަތް އަމުނާލާފާ ޒިޔާރަތްތަކުގެ އިސްކޮޅުގައި ޖަހާލަނީއެވެ. ކަށަކުޅަދުންވަންތަ މާތްރަސްކަލާނގެ އީ އެކަލާނގެ އަޅުތަކުން އެދޭ އެދުންތައް ފުއްދަވާދެއްވުމުގައި ދީލަތިވަންތަވެ ވޮޑިގެންވާ ރަސްކަލާނގެއެވެ. އެހެންކަމުން އާދެ! އެހެންކަމުން އަންހެންވެރިން އެމަސައްކަތް ކޮށްލާފައި އައިތާ ތިން ހަތަރު ދުވަހެއްގެ ތެރޭގައި ރީއްޗަށް އުތުރުން ވައިޖެހިގެން އޮޑިފަހަރު އަންނަން ފަށާނެއެވެ.

މިކަންތައް ކުރަން އިސްނަގަނީ އެފަހަރަކު ދަތުރުގޮސްފާ އިބި ފިރިހެނުންގެ އަންހެންވެރިންނެވެ.

11- މަލިން ކަލޭގެފާނު ފަންނު

12-ކޮއްޔާ ދަނޑުފަންނު

13- ރަށްކޮޅު ފަންނު

14-މަލިންކަލޭގެފާނު ފަންނު

15-ކެޑެރުށްފަންނު

16-ކޮށިފަންނު

17-މާމިސްކިތްފަންނު

18-ތިރިކޭހާލުފަންނު

19- ދޮންބިޔާދަނޑުފަންނު

20- ސަކީނާފަންނު

ރަށުގައި ތިބި މިސްކިތްތައް:

  • މާމިސްކިތް، މިއީ ހުކުރު މިސްކިތެވެ.
  • ކީހަގެ މިސްކިތް
  • ބިލާލާ މިސްކިތް- މިތިން މިސްކިތަކީ މަތި އެންގަނޑު އަވަށު މިސްކިތެވެ.
  • މެދުގަން މިސްކިތް
  • ދޫގަހު މިސްކިތް
  • އާ މިސްކިތް. މި މިސްކިތަށް ބަންޑާރަ މިސްކިތޭވެސް ކިޔައެވެ. މިއީ ދޫގަހު އަވަށު 3 މިސްކިތެވެ.

-ނުނިމޭ-

Top License