އައްޑޫ ސިޓީގައި ގާއިމުކުރާ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގެ ވޭސްޓް ޓު އެނަރޖީ ޕްލާންޓް އިންސްޓޯލްކޮށް ނިންމާ މިއަދު އެޕްލާންޓްގެ ޕްރީކަމިޝަންގެ މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގެ އެންމެ ދެކުނުގެ ހަތަރު އަތޮޅަށް އަމާޒުކޮށްގެން އައްޑޫގައި ގާއިމްކުރާ މިޕްލާންޓް، އައްޑޫ ސިޓީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތް ހަވާލުކޮށްފައިވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑް (ވެމްކޯ) އާއި މިއަދު ހަވާލު ކުރުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވާފައިވަނީ އައްޑޫ ސިޓީގެ މޭޔަރް އަލީ ނިޒާރުއެވެ. މިރަސްމިއްޔާތުގައި މިފެސިލިޓީ ވެމްކޯ އާއި ހަވާލުކޮށްދެއްވާފައިވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އާމިނަތު ޝައުނާއެވެ. އަދި މި ރަސްމިއްޔާތުގައި އައްޑޫ ސިޓީއަށް ނިސްބަތްވާ ރައްޔިތުންގެ މަޖިލީހުގެ ބައެއް މެމްބަރުންނާއި އަދި ކައުންސިލް މެމްބަރުން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
ކުނިން ހަކަތަ އުފައްދާ މި ޕްލާންޓަކީ ދުވާލަކު 50 ޓަނުގެ ކުނި އަންދައިގެން ހަކަތަ އުފެއްދުމަށް ފަރުމާ ކުރެވިފައިވާ ޕްލާންޓެކެވެ. މިއިން 1.5މެގަވަޓް ކަރަންޓު އުފައްދާނެ ކަމަށްވެސް އެ މިނިސްޓްރީން ބުނެއެވެ. އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މި ޕްލާންޓުން އުފައްދާ ކަރަންޓްގެ 1މެގަވަޓް އައްޑޫ ސިޓީގެ ސެންޓްރަލް ގްރިޑަށް ފޯރުކޮށްދެވޭނެ ކަމަށާއި، 500ކިލޯވަޓް ބޭނުން ކުރާނީ އެ ފެސިލިޓީގެ ބޭނުންތަކަށް ކަމަށެވެ.
މިޕްލާންޓަކީ ދެކުނުގެ ސަރަހައްދީ ކުނި މެނޭޖްކުރާ މަރުކަޒުގައި ބެހެއްޓިފައިވާ ޕްލާންޓެއްކަމުން، މި ޕްލާންޓްގެ ޕްރީ ކަމިޝަން ފެށުމަށްޓަކައި ކޮންޓްރެކްޓަރއާއި އެކު ސަރުކާރުން ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް، ޕްރީކަމިޝަންކުރުމާއި ކަމިޝަންކޮށް ޕްލާންޓް އޮޕަރޭޝަނަށް ގެނައުމުގައި ކޮންޓްރެކްޓަރ އާއި އެކު މިއަދުން ފެށިގެން ވެމްކޯ ހަރަކާތްތެރިވަމުންދާނެއެވެ.
މި ޕްލާންޓް އެއްކޮށް ކަމިޝަންކޮށް ނިމެންވާއިރަށް އޮޕަރޭޝަނަށް ގެނައުމަށްޓަކައި ވެމްކޯއިން މިހާރުވެސްވަނީ އެކަމާއި ގުޅޭތައްޔާރީތައްވާން ފަށާފައެވެ. އެގޮތުން މި ޕްލާންޓް އޮޕަރޭޓްކުރުމަށް ބޭނުންވާ ފަންނީ މުވައްޒަފުން ނެގުމާއި މިތަނަށް ބޭނުންވާ ކުނި ގެނައުމަށް ބޭނުންކުރާނެ ވަސީލަތްތައް ހޯދުމުގެ މަސައްކަތް އެކުންފުނިންވަނީ ފަށާފައެވެ. މިފެސިލިޓީ އޮޕަރޭޝަނަށް އަންނައިރު އައްޑޫ ސިޓީގެ އިތުރުން ފުވައްމުލައް ސިޓީ އާއި ހުވަދު އަތޮޅުގެ ރަށްތަކުންނާއި ރިސޯޓްތަކުގެ ކުނި މިތަނަށް ގެނެސް ޕްރޮސެސްކުރެވޭނެކަމުގައި މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޮލޮޖީ އިން މަޢުލޫމާތު ދެއްވައެވެ.
މިއީ މޯލްޑިވްސް ގްރީން ފަންޑުން 16 މިލިއަން ޑޮލަރު ޚަރަދު ކޮށްގެން ހިންގާ މަޝްރޫއެކެވެ
ކޮރެއާގެ ކުންފުންޏަކާއި ހަވާލުކޮށްގެން ޑިޒައިންކޮށް އިންސްޓޯލްކުރި މި ޕްލާންޓްގައި އިންސިނެރޭޓަރ އަކާއި ކަރަންޓް އުފެއްދުމަށް ބޭނުންކުރާ ސްޓީމް ޓާރބައިންއެއްގެ އިތުރުން މީގެއިން ކުނި އަންދާއިގެން އަރާ ދުން ކޮންޓްރޯލްކުރުމަށްޓަކައި އެއްމެ ފަހުގެ ޓެކްނޮލޮޖީވަނީ ބޭނުންކޮށްފައެވެ. އެހެންކަމުން މިޕްލާންޓް ފަރުމާކޮށް އިންސްޓޯލްކޮށްފައިވަނީ ތިމާވެއްޓަށާއި އިންސާނުންގެ ސިއްހަތަށް ގެއްލުން ނުވާނެގޮތަށެވެ.