މި ރާއްޖޭގައި މިހާރު ތިބި އިންޑިޔާގެ ސިފައިން މި ޤައުމުން ބޭލޭނެ ހަމައެކަނި ފަރާތަކީ ޖުމްހޫރީ ޕާޓީގެ ލީޑަރ އަދި އެ ޕާޓީގެ ރިޔާސީ ކެނޑިޑޭޓް އޮނަރަބަލް ޤާސިމް އިބްރާހިމަށް ކަމަށް ކެންދޫ ދާއިރާގެ މެމްބަރު ޢަލީ ޙުސައިން ވިދާޅުވެއްޖެއެވެ.
ޢަލީ ޙުސައިން މިހެން ވިދާޅުވީ، ޤާސިމްގެ ކެމްޕެއިންގައި ގއ ވިލިނގިއްޔަށް މިއަދު ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.
އަލީ ހުސެއިން ވިދާޅުވީ މި ގައުމުގައި އިންޑިއާ ސިފައިން އެބަ ތިބިކަން މިހާރު ޔަގީންވެއްޖެ ކަމަށާއި ޤާސިމް އިބްރާޙިމްގެ ކެމްޕެއިންގައި ހަނިމާދޫއަށް ކުރި ދަތުރުގައި އެ ރަށުން އިންޑިޔާ ސިފައިން ފެނިފައިވާ ކަމަށެވެ. އަދި އުތުރު ތިލަފަޅުގައިވެސް އިންޑިޔާގެ ސިފައިން އެބަ ތިބި ކަމަށް އޭނާ ވިދާޅުވެފައިވެއެވެ.
އަލީ ހުސެއިން ވިދާޅުވީ އަޅުގަނޑުމެން ގައުމަށް އަޅުގަނޑުމެން ހެޔޮ ނޭދޭވަރަކަށް ބޭރު ގައުމަކުން ހެވެއް ނޭދޭނެކަމަށާއި ވަކި މީހަކު ވެރިކަމަށް ގެންނަން ބޭރު ގައުމަކުން މަސައްކަތްކުރާނަމަ އެއީ ގޯހެއްކަމަށެވެ.
އަދި ހަނިމާދޫން ފެނުނީ އިންޑިއާ ސިފައިންކަން ޔަގީންވެއްޖެ ކަމަށާއި އުތުރު ތިލަފަޅުގައި ވެސް އިންޑިއާ ސިފައިން އެބަތިބިކަމަށް އޭނާ ވިދާޅުވިއެވެ. އަދި މި ރާއްޖޭގެ ސިފައިންނަށް ވެސް ނުވަދެވޭ ތަންތަން މި ރާއްޖޭގައިވެސް އެބަހުރިކަމަށްވެސް އަލީ ހުސެއިން ވިދާޅުވިއެވެ.
އަލީ ހުސެއިން މިފަދައިން ވިދާޅުވިއިރު، ރައީސް ޞާލިހު ވަނީ ރާއްޖޭގައި ބޭރު ސިފައިން ތިބޭ ކަމަށް ދައްކާ ވާހަކަތަކަކީ ދޮގެއް ކަމަށް ވިދާޅުވެފައެވެ. އަދި ދިވެހިންގެ ދާހިލީ ކަންކަމަށް ބޭރުގެ އެއްވެސް ބަޔަކަށް ބަސް ނުކިޔޭނެ ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.